ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ސަރުކާރުގެ ސްކޫލްތައް އޭސީކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢު މިމަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ. ކޫލް ސްކޫލް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ މިއަހަރުގެ ޖަނަވަރީ މަހުގެތެރޭގައެވެ.
ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިންވަނީ، ފެނަކައިން މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން ފެނަކައިން ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢަށް އަލިއަޅުއްވާލައްވާ އެމްޑީ ވިދާޅުވީ، ދިމާވާ ބައެއް ގޮންޖެހުންތަކުގެ ސަބަބުން އަދިވެސް ބައެއް ސްކޫލްތަކުގެ މަސައްކަތް ނުނިމޭކަމަށެވެ. އެގޮތުން އެ ސަރަހައްދުތަކުގެ ޑިސްޓްރިބިއުޝަން ވިއުގަ ދަށްވުމުގެ ސަބަބުން މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ދަތިތަކާ ކުރިމަތިވާކަމަށެވެ.
އެހެންނަމަވެސް އެ ގޮންޖެހުންތައް ހައްލުކޮށް، މުޅި މަޝްރޫޢުގެ މަސައްކަތްތައް މި ހިނގާ ޖޫންމަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.
"ކޫލް ސްކޫލް މަޝްރޫޢުގެ މަސައްކަތްވެސް ބައެއް ރަށްރަށުގަ ނުނިމި އެބަހުރި. އެ މަޝްރުޢޫގެ މަސައްކަތް ނުނިމި އެބަ ލަސްވޭ ޑިސްޓްރިބިއުޝަން ވިއުގަ އެ ސަރަހައްދުތަކުގަ ދަށްވުމުގެ ސަބަބުން ވޯލޓޭޖް ހަމައަށް ނުލިބުމުގެ ސަބަބުން. އަޅުގަނޑުމެން މި މަސައްކަތްކުރައްވަނީ ޖޫންމަހުގެ ނިޔަލަށް ނުނިމިހުރި ހުރިހާ ސްކޫލްތަކުގަ އެއަރކޮންޑިޝަންގެ މަސައްކަތްތައް ނިންމާނެ." މުޙައްމަދު އަފީފު ހުސައިން ވިދާޅުވިއެވެ.
ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢަކީ، ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މިއަހަރުގެ ޖެނުއަރީމަސްތެރޭ ފެށި މި މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ހަމަޖެހިފައިވެއެވެ.