ޚަބަރު

އެމްޑަބްލިޔުއެސްސީގެ އެހީއާއެކު މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕެއް


  • މިއީ އެމްޑަބްލިޔުއެސްސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފޯރުކޮށްދޭ އެހީއެއް

  • މިސްކޮލަރޝިޕް ދެނީ ޤައުމީ ޔުނިވަރސިޓީގައި މާސްޓަރސްއަށް ކިޔަވާ ދަރރިވަރަކަށް

މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް، އެމްޑަބްލިޔުއެސްސީ އާއި މައުމޫން ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ މައުމޫންގެ ފައުންޑޭޝަނާއެކު ސޮއިކުރެވުނު މި އެއްބަސްވުމަކީ ކުންފުނީގެ އިޖްތިމާޢީ ޒިންމާ އަދާކުރުމުގެ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ. އަދި މިއެއްބަސްވުމުގެ ދަށުން މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

މިއެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއެވެ. މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ފާރިޝް މައުމޫނެވެ.

އެމްޑަބްލިޔުއެސްސީން ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ސްކޮލަރޝިޕް ދޭނީ ޤައުމީ ޔުނިވަރސިޓީގައި މާސްޓާސް ޑިގްރީ ޕްރޮގްރާމެއްގައި ކިޔަވާ ދަރިވަރަކަށް ކަމަށެވެ. މިއީ ރާއްޖޭގައި ފަންނީ ޤާބިލް ފަރާތްތައް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް އެހީވުމަށް ދެވޭ ސްކޮލަރޝިޕެއް ކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.

މައުމޫން ފައުންޑޭޝަނަކީ އިޖްތިމާޢީ މަސައްކަތްތައް ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އުފައްދަވާފައިވާ ޖަމްޢިއްޔާއެކެވެ.