މިއަހަރުވެސް ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މިއީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅުވައިގެން ބާއްވާ މަހާސިންތާއެއް ކަމަށެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު އަލީ ސަޢީދު ވިދާޅުވީ، މި މަހާސިންތާއަކީ ރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް ބާއްވާ މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މިި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ އަށް ދައުވަތު ދީފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ތަމްރީންކުރާ 1000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ޒުވާން ޙާފިޡުންނަށްވެސް މި ކޮންފަރެންސްގައި ބައިވެރިވެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގެ ޙާފިޡުންގެ ދަފްތަރުގައި 307 ޙާފިޡުން ތިބިއިރު، ޒުވާން ޚަޠީބުންގެ އަދަދަކީ 532 އެވެ. އަދި އަންނަ ސެޕްޓެންބަރު މަހުގެ ކުރިން 1000 ޚަޠީބުން ހަމަކުރުމަކީ އަމާޒެއް ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އަތޮޅުތަކުގައި ތިބި ޒުވާން ޚަޠީބުންނަށް މި މަހާސިންތާއަށް މާލެ އައުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެ ވުޒާރާއިން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މި މަސްތެރޭގައި ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ.