އަނެއްކާވެސް ޗައިނާގެ ކުންފުނިތަކަށް ނިސްބަވްތާ އެޕްލިކޭޝަންތަކެއް އިންޑިއާގައި މަނާކޮށްފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ބުނީ ޗައިނާގެ ކުންފުނިތަކަށް ނިސްބަތްވާ، ނުވަތަ ގުޅުން އޮންނަ 47 އެޕްލިކޭޝަނެއް އިންޑިއާގައި ބޭނުންކުރުން މަނާކޮށްފައިވާކަމަށެވެ.
ޗައިނާގެ ކުންފުނިތަކުގެ 47 އެޕްލިކޭޝަނެއް އިންޑިއާގައި މަނާކޮށްފައިވާއިރު، މިދިޔަ ޖޫންމަހު އިންޑިއާ ސަރުކާރުން ވަނީ ޓިކްޓޮކް ހިމެނޭ ގޮތަށް ޗައިނާގެ ކުންފުނިތަކަށް ނިސްބަތްވާ ނުވަތަ ގުޅުން އޮންނަ 59 އެޕްލިކޭޝަނެއް އިންޑިއާގައި ބޭނުންކުރުން މަނާކޮށްފައެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ބުނީ އެންމެފަހުން މަނާކުރި 47 އެޕްލިކޭޝަނަކީ، ފުރަތަމަ މަނާކުރި އެޕްލިކޭޝަންތަކާ ގުޅުން އޮންނަ އެޕްލިކޭޝަންތަކެއްކަމަށެވެ. އޭގެތެރޭގައި ކްލޯންކޮށްފައިވާ އެޕްލިކޭޝަންތަކާއި ޗައިނާގެ ކުންފުނިތަކުގެ އެޕްލިކޭޝަން ހިމެނެއެވެ.
ޚަބަރުތައް ބުނާގޮތުން އިންޑިއާ ސަރުކާރުން ދަނީ އިތުރު 250 އެޕްލިކޭޝަން މަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރަމުންނެވެ. މަނާކުރަން އުޅޭ އެޕްލިކޭޝަންތަކުގެ ތެރޭގައި، މަޝްހޫރު ގޭމް، ޕަބްޖީއާއި ގިނަ ބަޔަކު ވިޔަފާރިކުރާ އަލީ ބާބާ އެޕްލިކޭޝަންވެސް ހިމެނެއެވެ.
އިންޑިއާ ސަރުކާރުން ބުނާގޮތުން މި އެޕްލިކޭޝަންތަކުގެ ސަބަބުން އެޤައުމުގެ ޤައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެދާނެއެވެ. އަދި އެޕްލިކޭޝަންތައް މަނާކުރީ އެޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށްވެސް އިންޑިއާގެ ޓެކްނޮލޮޖީ މިނިސްޓްރީން ބުނެއެވެ.
އިންޑިއާގެ ނިންމުމުގެ ސަބަބުން އެންޑްރޮއިންޑް އާއި އައިއޯއެސް ސްޓޯރތަކުންވެސް މި އެޕްލިކޭޝަންތައް ނަގާނެއެވެ.
އިންޑިއާއިން ޗައިނާގެ އެޕްލިކޭޝަންތަކެއް ބޭނުންކުރުން މަނާކޮށްފައި މިވަނީ ދެޤައުމުގެ ބޯޑަރު ގުޅޭ ހިމާލަޔަން ސަރަޙައްދުގައި ޖޫންމަހު ހިނހގި ކުރިމަތިލުމަކަށްފަހުއެވެ. އެކުރިމަތިލުމުގައި އިންޑިއާގެ ސިފައިންގެ 20 މީހަކު މަރުވިއެވެ. އޭގެފަހުން އިންޑިއާއިން ދަނީ ޗައިނާގެ ވިޔަފާރިތަކަށް އޮންނަ އުސޫލު ހަރުކަށިކުރަމުންނެވެ.