ޚަބަރު

ދައުލަތުން ދީބާޖާއަށް އެއްވެސް ބަދަލެއް ނުދޭން އޮޑިޓަރ ޖެނެރަލް އަންގަވައިފި


ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން، ބަދަލުގެ ގޮތުގައި ދޭން ނިންމި 174 މިލިއަން ރުފިޔާ ނުދޭން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު އަންގަވައިފިއެވެ.

އޮޑިޓަރ ޖެނެރަލް މިގޮތަށް އަންގަވާފައިމިވަނީ އުތުރު ޕްރޮވިންސްގައި ފެރީ ދަތުރުފަތުރުގެ ނިޒާމް ޤާއިމްކޮށް ހިންގުމަށް 2010ވަނަ އަހަރު ފެށި މަޝްރޫޢާ ގުޅޭގޮތުން ހެދި ޚާއްޞަ އޮޑިޓްގައެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވި ޚާއްޞަ އޮޑިޓް ރިޕޯޓްގައި ވަނީ ދީބާޖާ އިންވެސްޓްމަންޓާއެކު 01 ފެބްރުއަރީ 2010ގައި ސަރުކާރުން ހެދި އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ އެއްބަސްވުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އިން 30 މެއި 2013 ގައި ބާތިލްކޮށްފައިވަނީ، ދީބާޖާ އިންވެސްޓްމަންޓުން އެއެއްބަސްވުމާ އެއްގޮތަށް ފެރީ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށް ނުދީ ފެރީ ދަތުރު ފަތުރު ހުއްޓުމަކަށް އައުމުންކަމަށެވެ.

އަދި އެއްބަސްވުމާ އެއްގޮތަށް އަލުން ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން ދިން މުހުލަތުތަކުގެ ތެރޭގައިވެސް އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދީފައި ނުވުމުން، އެ އެއްބަސްވުމުގެ ބައެއް ކަމުގައިވާ އާރްއެފްޕީގެ ދަށުން އެ އެއްބަސްވުން ބާޠިލްކުރުމަށް ސަރުކާރަށް
ލިބިދީފައިވާ ބާރުގެ ދަށުން ކަމަށްވާތީ، ދަތުރުފަތުރުގެ އެއްބަސްވުން އުވާލުމާގުޅިގެން ދީބާޖާ އިންވެސްޓްމެންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދިނުމަށް އަންގާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

މީގެއިތުރުން ދީބާޖާ އިންވެސްޓްމެންޓް އާއެކު ސަރުކާރުން ހެދި ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓެއް ނުވަތަ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ރ.ކުޑަކުރަތު ދޫކޮށްފައިވަނީ، ދަތުރުފަތުރުގެ ޚިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުންކަމަށްވުމާއި އަދި އެ ރަށް ދޫކޮށްފައިވަނީ ދަތުރުފަތުރުގެ އެއްބަސްވުން އުވާލުމުން އެ ރަށް އަނބުރާ ސަރުކާރާ ހަވާލުކުރާގޮތަށްކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ދަތުރުފަތުރުގެ އެއްބަސްވުން އުވާލެވޭއިރު އެރަށް އެހެން ފަރާތަކަށް ސަބްލީޒްކޮށްފައިވާނަމަ އެ ފަރާތަކާއެކު އަލުން ސަރުކާރުން އެއްބަސްވުން ހަދައިގެން ކުރިއަށް ގެންދާގޮތަށް ކަމަށްވާތީއާއި އަދި ދަތުރުފަތުރުގެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ގޮތުގެ މަތިން އެ ރަށް މިހާރު ވަނީ ސަބްލީސްކުރި ފަރާތަށް ހެޑް ލީސް ބަދަލުކުރެވިފައިކަމަށްވާތީ ދީބާޖާ އިންވެސްޓްމެންޓް އިން ހޯދުމަށް ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް
އެއްވެސް ފައިސާއެއް ނުވަތަ މާލީ ބަދަލެއް ނުދިނުމަށްވެސް ދަންނަވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.

މި އޮޑިޓް ރިޕޯޓްގައި ވަނީ ދަތުރުފަތުރުގެ ޚިދުމަތްފަދަ އާއްމު ޚިދުމަތްތަކަށް ފޯރުކޮށްދިނުމާ ހަވާލުވާ ފަރާތްތަކަށް ކްރޮސް ސަބްސިޑީޒްގެ ގޮތުގައި ޓޫރިސްޓް ރިސޯޓް ހޮޓެލް ފަދަ ތަންތަން ތަރައްޤީކޮށް ހިންގުމަށް ދޫކުރާ ފަޅު ރަށްރަށް ހޯދުމަށްފަހު، ޚިދުމަތްތައް ފޯރުކޮށްދިނުމާ ހަވާލުވާ ފަރާތުން އެ ޚިދުމަތްތައް ހުއްޓާލުމުން އެ ފަދަ ޚިދުމަތް ހޯދާ އާއްމު ރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހި ދައުލަތަށް މާލީ ގެއްލުންތަކެއް ލިބެމުންދާތީ، ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅުވައިގެން ޓޫރިސްޓް ރިސޯޓް ހޮޓެލް ފަދަ ތަންތަން ތަރައްޤީކޮށް ހިންގުމަށް ފަޅު ރަށްރަށް ދޫނުކުރުމަށް އަންގަވާފައެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ހައްލުކޮށް 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށް ރައީސް އުފެއްދެވި ސެޓްލްމަންޓް ކޮމިޓިން ވަނީ ނިންމާފައެވެ.

ދީބާޖާއަށް މިހާތަނަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާ ދީފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައިއެވެ.