އައިޖީއެމްއެޗުގައި އިއްޔެ މަރުވި އިންޑޮނޭޝިއާ މީހާއާ ކޮންޓެކްޓްވި 2 ނަރުހަކާއި އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ ކެންސަރު ބަލީގައި އެހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އިއްޔެ މަރުވި 39 އަހަރުގެ އިންޑޮނޭޝިޔާ މީހާ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުމުން އޭނާއަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި 8 ނަރުހަކު ކޯވިޑް-19އަށް ޓެސްޓުކުރިކަމަށާއި އޭގެ ތެރެއިން 2 ނަރުހަކު ޕޮޒިޓިވްވެފައިވާކަމަށެވެ.
އަދި އެމީހާ މަރުވެފައިވަނީ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށްކަމަށްވާތީ އައިސީޔޫގައި ތިބި އެންމެން ކޯވިޑް19އަށް ޓެސްޓުކުރުމުން އެތަނުގައި ފަރުވާދެމުންދިޔަ އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްކަމަށް ސަލީމް ވިދާޅުވިއެވެ. މިއާއެކު އެމީހާ މިހާރު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދެމުންދާކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
އަދި އިންޑޮނޭޝިޔާ މީހާއާއި ޑައިރެކްޓް ކޮންޓެކްޓުވި 8 މުވައްޒަފުން އެކަހެރިކޮށްފައިވާއިރު، އޭނާއަށް ފަރުވާދެމުންދިޔައީވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންކަމަށްވެސް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.
އަޖީއެމްއެޗްގައި މަރުވި އިންޑޮނޭޝިޔާ މީހާމަރުވިފަހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައި ވީނަމަވެސް އޭނާ މަރުވި ސަބަބަކީ ކެންސަރުބަލިކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެޗްޕީއޭއިން ވިދާޅުވީ ޢުމުރުން 39 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ކެންސަރުގެ 4 ވަނަ ސްޓޭޖްގައި އޮއްވައިކަމަށެވެ.