ޚަބަރު

ރާއްޖޭގެ 9 ސަރަހައްދެއްގައި ކޯވިޑް-19އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި


ރާއްޖޭގެ 9 ސަރަހައްދެއްގައި ކޯވިޑް-19އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މިރޭވަނީ އަލަށް ރާއްޖޭގެ 7 ސަރަހައްދެއްގައި ކޯވިޑް-19އަށް ޓެސްޓްކުރުމުގެ އިންތިޒާމު ހަމަޖައްސައި މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިރޭ ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓްކުރުމާއި، ރާއްޖޭގެ އިތުރު 6 ސަރަހައްދެއްގައި ޖީން އެކްސްޕަރޓް ކާޓްރިޖް ބޭނުންކޮށްގެން ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އެއްބަސްވުންތަކުގައެވެ. އެގޮތުން ޖީން އެކްސްޕަރޓް މެޝިން ބޭނުންކޮށްގެން ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ، ށ.އަތޮޅު ހޮސްޕިޓަލާއި އުނގޫފަރު ރީޖަނަލް ހޮސްޕިޓަލާއި ލ.ގަން ރީޖަނަލް ހޮސްޕިޓަލާއި ބ.އަތޮޅު ހޮސްޕިޓަލާއި ގއ.އަތޮޅު ހޮސްޕިޓަލާއި ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕޓަލުގައެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ޖީން އެކްސްޕަރޓް ކާޓްރިޖް ޑަބްލިއުއެޗްއޯއާ ޙަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންވާ މަންދޫބު އަރްވިންދް މާތުރެވެ. އަދި ސަރުކާރުގެ ފަރާތުން މި ކާޓްރީޖްތަކާއި ހަވާލުވެވަޑައިގަތީ، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނެވެ.

މިތަކެއްޗާ ޙަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންވަނީ ރާއްޖެއިން ކޯވިޑް-19އާ ދެކޮޅަށް ކުރި ހަނގުރާމައިގެ އުސްއަލިތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ 30 ޖެނުއަރީގައި މިބަލީގެ މީހެއް ފެނުމުން ބައްޔަށް ޓެސްޓްކުރަން އިންޑިއާގެ ޕޫނޭއަށް ސާމްޕަލް ފޮނުވައިގެން ނަތީޖާއަށް ދިގު އިންތިޒާރެއް ކުރަންހުނުކަން އޭނާ ފާހަގަކުރެއްވިއެވެ. އެއަށް ފަހު 29 ފެބްރުއަރީގައި ރާއްޖޭގައި ފުރަތަމަފަހަރަށް އައިޖީއެމްއެޗްގައި ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެހި މި ވަސީލަތްތައް އިތުރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މިމަހުގެ 21ވަނަ ދުވަހު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓްކުރެވުމަކީ މި މަސައްކަތުގައި ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިވަނީ ބޮޑު ރާސްތާއެއް ކަޑަތުކޮށްފައި. މިކަމުގައި ގިނަ ބައެއްގެ އެހީތޔެރިކަން ލިބުނު. ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މި ދަތި ދަނޑިވަޅުގައި ވަނީ ބޮޑެތި އެހީތަކެއް ވެދީފައި. މިއީ ރާއްޖޭގެ ކާމިޔާބީގެ ބޮޑު ހިއްސާއެއް"

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ޓެސްޓްކުރުމުގެ އިންތިޒާމު ހަމަޖެއްސި 6 ހޮސްޕިޓަލްގެ އިސްވެރިންވެސް ވަނީ އޮންލައިންކޮށް ވީޑިއޯ މެދުވެރިކޮށް ވާހަކަދައްކަވާފައެވެ. ހަމަޖެހިގެންދިޔަ މިއިންތިޒާމުތަކަކީ، މި ވަގުތު ރާއްޖެއަށް އިންތިހާއަށް ބޭނުންވެފައިވާ ޚިދުމަތްތަކެއްކަން ހޮސްޕިޓަލްތަކުން ފާހަގަކުރައްވާފައިވެއެވެ.

މިއަދު ހަމަޖެއްސި އިންތިޒާމާއެކު ރާއްޖޭގެ 5 ތަނެއްގައި ކޯވިޑް-19ގެ ޕީސީއާރް ޓެސްޓްކުރެވޭނެ އިންތިޒާމު މިވަނީ ހަމަޖެހިފައެވެ. އެގޮތުން މިހާރު މިއިންތިޒާމު މިވަނީ އައިޖީއެމްއެޗް، އޭޑީކޭ، ފުލުހުންގެ ޑީއެންއޭ ލެބް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައެވެ.

ގުރޭޓަރ ރާއްޖެތެރެ

ރާއްޖެ އަކީ .. ހަަމަ އެކަނި ކުޅުދުއްފުށި މާލެ އައްޑޫ ބާ .. މި ތިންތާ ހެން ހީވަނީ ހަމަ އެކަނި މީހުން ދިރި އުޅެނީ ކޮންމެ ކަމެއް ކުރިއަސް މި ތިންތާ