ޚަބަރު

ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށްފަހު ތަޢުލީމީ ދާއިރާ ހިންގާނެގޮތުގެ ޕްލޭން ލޯންޗްކޮށްފި


ކޯވިޑް-19ގެ ޙާލަތުން އަރައިގަނެ ރާއްޖޭގެ ތަޢުލީމީ ދާއިރާ ހިންގުމުގެ ޕްލޭން އެޑިއުކޭޝަން މިނިސްޓްރީއިން ލޯންޗް ކޮށްފިއެވެ. "އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން"ގެ ނަމުގައި ލޯންޗްކުރި މި ޕްލޭންއަކީ، އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

މި ޕްލޭން ތައްޔާރުކުރުމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސްގެ އިތުރުން ދާއިރާގެ ގިނަ އަދަދެއްގެ ތަޖުރިބާކާރުންގެ މަޝްވަރާ ހޯދާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ. މި ޕްލޭންގެ މައިގަނޑު އަމާޒަކީ، ކޯވިޑް-19ގެ ސަބަބަުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އަދި އެކި ސަބަބުތަކާހެދި އިހުމާލުވެވިފައިވާ ދަރިވަރުންނަށް އެކަށޭނަ ގޮތެއްގައި ތަޢުލީމު ފޯރުކޮށްދީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފުރިހަމަ ފައިދާ މިފަދަ ދަރިވަރުންނަށްވެސް ފޯރުވައިދިނުމެވެ. މި ޕްލޭންގެ ދަށުން ސްކޫލްތައް ބަންދުކުރަން ޖެހުމުގެ ސަބަބުން ކޮށްފައިވާ އަސަރުތައް ކުޑަކޮށް އަލުން ތަޢުލީމީ ނިޒާމު ފަށައިގަނެ، ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

"އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން" ލޯންޗްކޮށް އެޑިއުކޭޝަން މިނިސްޓްރީއިން ކުރި ޕޯސްޓް

މި ލަނޑުދަނޑިތައް ހާސިލްކުރުމައްޓަކައި އެޑިއުކޭޝަން މިނިސްޓްރީއިންނާއި މި ޕްލޭންގައި ބައިވެރިވާ އެހެން ބައިވެރިން ފޯރުކޮށްދޭ ވަސީލަތްތައް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް ބޭނުންކުރުމަށް އިރުޝާދު ދީފައިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ. މިއާއެކު މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ކޯވިޑް-19ގެ ކުރިން ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއަރަމުންދިޔަ މިންވަރަށް އަނބުރާ ރުޖޫޢަވެ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ވަށާޖެހޭ ތަޢުލީމުގެ ފުރިހަމަ ނިޒާމަކަށް ވާސިލްވެވޭނެކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ޙާލަތުން އަރައިގަނެ ރާއްޖޭގެ ތަޢުލީމީ ދާއިރާ ހިންގުމުގެ ޕްލޭން ލޯންޗްކުރިކަން ހާމަކޮށް ނެރުނު ބަޔާނުގައި އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މި ދަތި ދަނޑިވަޅުގައިވެސް ރާއްޖޭގެ ތަޢުލީމީ ނިޒާމު ނުހުއްޓި ހިންގުމުގައި ޔުނިސެފް މޯލްޑިވްސްއިން ވެދިން އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ދަރިވަރުންނަށް ޙާލަތާއި ގުޅޭގޮތުން އެންމެ މުހިންމު ދާއިރާތައް ކަނޑައެޅުމުގައި ޔުނިސެފުން ވެދެއްވި އެހީތެރިކަމަށް އެ މިނިސްޓްރީން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށްފަހު ރާއްޖޭގެ ތަޢުލީމީ ދާއިރާ ހިންގާނެ ގޮތުގެ ޕްލޭން ލޯންޗްކޮށްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ނިންމާފައެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ ސްކޫލްތައް ހުޅުވައި ކިޔެވުން ކުރިއަށް ގެންދާނީ ގްރޭޑް 1 އިން ފެށިގެން މަތީގެ ގްރޭޑްތަކަށްކަމަށެވެ.