ޚަބަރު

"ކަރަންޓަށް ބޮޑު މައްސަލައެއް ދިމާނުވެ ޚިދުމަތް ދެވުމަކީ ކަރަންޓު ވިއުގަ ވަރުގަދަވެފައިވާ މިންވަރު ހާމަވާކަމެއް"


މިއަހަރުގެ މިހާތަނަށް މާލޭގެ ކަރަންޓަށް ބޮޑު މައްސަލައެއް ދިމާނުވެ ޚިދުމަތް ފޯރުކޮށްދެވުމަކީ ކަރަންޓު ވިއުގަ ވަރުގަދަވެފައިވާ މިންވަރު ހާމަވާކަމެއްކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ. ސްޓެލްކޯއިން ވަނީ، ކޯވިޑް-19ގެ ޙާލަތުގައި މަސައްކަތްކުރި އެ ކުންފުނީގެ މުއައްޒަފުންގެ އަގުވަޒަންކޮށްފައެވެ.

ސްޓެލްކޯގެ ޓުވީޓް

ކޯވިޑް-19ގެ ޙާލަތުގައި މަސައްކަތްކުރި މުއައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތައްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙަސަން މުޣުނީ ވަނީ، މި ހާލަތުގައިވެސް ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ބާރާބަރަށް ފޯރުކޮށްދިނުމަށްޓަކައި އެތަކެއް ދުވަހެއް ވަންދެން އޮފީހުގައި ލޮކްޑައުންވެގެންތިބި މުވައްޒަފުންނަށް ޝުކުރުއަދާކޮށްފައެވެ. މި ބަލިމަޑުކަމުގެ ސަބަބުން 60 ދުވަސް ލޮކްޑައުންގައި ހޭދަކުރި އިރު މި ދުވަސްތަކަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވި ދުވަސްވަރެއްކަން މުޣުނީ ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި މީހުން ގޭގައި ތިބޭ މިންވަރު އިތުރުވުމާއި، ހޫނު މޫސުމުގެ ދުވަސްތަކާއި ރަމަޟާން މަސް ދިމާވުމަކީ ކަރަންޓް ޕީކްވި ސަބަބެއްކަން މުޣުނީ ފާހަގަކުރެއްވިއެވެ. މިހުރިހާ ކަމަކާއިއެކުވެސް ކަރަންޓު ނުކެނޑި ޚިދުމަތް ފޯރުކޮށްދެވުމަކީ ކަރަންޓު ވިއުގަ ވަރުގަދަވެފައިވާ މިންވަރު ހާމަވާކަމެއްކަމަށް މުޣުނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނެ އެންމެ ފުރަތަމަ މިކަމަށް ތައްޔާރުވި ކުންފުނި. ކޮންޓިންޖެންސީ ޕްލޭންތައް ހަދާފައި ވާނީ. މި ދުވަސްތަކުގައި ބައްޔަށް އެއްވެސް މުއައްޒަފަކު ޕޮޒިޓިވް ވެފައެއްވެސް ނުވޭ. މިކަންކަމަކީ ބޮޑެތި ކާމިޔާބީތައް އަޅުގަނޑުމެންގެ. އެންމެ ބޮޑު ކާމިޔާބީއަކީ ކަރަންޓު ނުކެނޑި ޚިދުމަތް ފޯރުކޮށްދިނުން"

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތުގައި މަސައްކަތް ކުރި ސްޓެލްކޯގެ މުއައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައިވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި އެއް ވަގުތެއްގައެވެ. މި ރަސްމިއްޔާތުގައި ފުރަބަންދުގައި ސްޓެލްކޯގެ އެކި އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވި 217 މުޢައްޒަފެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ވަނީ ދީފައެވެ. މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ސްޓްފިކެޓް ހަވާލުކޮށްދެއްވީ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީއެވެ. ހުޅުމާލޭގައި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޑރ. އަލީ އަޒްވަރު ސްޓްފިކެޓް ހަވާލުކޮށްދެއްވިއުރު، ވިލިމާލޭގައި ސްޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ލަތީފެވެ.