ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމަށް 1.4 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ޔޫއެންޑީޕީން ސޮއިކޮށްފިއެވެ.
ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމްކުރި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް އާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު އަދި ޔޫއެންޑީޕީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދު ވިދާޅުވީ މިއީ ދިވެހި ސަރުކާރާއި ޔޫއެންޑީޕީ ގުޅިގެން ކުރިޔަށް ގެންދާ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވާމަންޓު އެންޑް ޑިވެލޮޕްމަންޓު ފޮރ އެސްއެމްއީސް" ސީޑް ޕްރޮޖެޓްގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. ސީޑް ޕްރޮޖެކްޓްގެ މަޤްސަދަކީ ކޯވިޑް-19 ގެ ސަބަބުން ދަތިތަކާއި ކުރިމަތިލަމުންދާ ކުދި އަދި މެދު ފަންތީގެ ދަނޑުވެރިކަމުގެ ހަރަކާތްތައް ހިންގާ ފަރާތްތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން މި އެގްރީމަންޓުގެ ދަށުން ކޯވިޑް-19ގެ ސަބަބުން ގެއްލުން ވެފައިވާ ދަނޑުވެރިންނަށް އެހީވުމަށް 1.4 މިލިއަން ޑޮލަރުގެ މާލީ އެހީ ދޭން ނިންމަފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މިއެހީތެރިކަން ފޯރުކޮށްދޭނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ޤާއިމްކޮށްފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން، ބިސްނަސް ސެންޓަރ ކޯޕަރޭޗަން، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން – އެޗްޑީސީ، މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް 2000 ފަރާތަކަށެވެ. އަދި މީގެ ދަށުން ދަނޑު ގޮވާންކުރުމާއި، ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުކޮށް، ބޭރުގެ އިންޕޯޓަށްވާ ބަރޯސާ ކުޑަކުރުން އަދި ދަނޑުވެރިކަމުގެ ދާއިރާގައި ވަޒީފާ އިތުރުކުރަން އެހީތެރިވުމަށް ފަންޑު ދޭނެއެވެ. މިޕްރޮޖެކްޓްގައި ޔޫއެންޑީޕީގެ އިތުރުން ޖަޕާނުގެ ސަރުކާރުންވެސް ދިވެހި ސަރުކާރަށް އެހީތެރިވުމަށް ހަމަޖެހިފައިވެއެވެ.
މިއެގްރީމަންޓުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެގްރިކަލްޗަރ މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ބާރުއަޅާ، ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާޥާ މިންވަރު ކުޑަކޮށް، އަމިއްލަ އުފެއްދުންތައް އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިޔަށްގެންދާ މަޝްރޫއެއްކަމަށެވެ.
މިމަޝްރޫގެ ދަށުން ދަނޑުވެރިންނަށް މާލީ އަދި ފަންނީ އެކިއެކި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މިކަމަށް ކުރިމަތިލުމުގެ ފުރުސަތާއި ތަފްސީލްތައް ފަހުން ހާމަކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.