މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ދާން ބޭނުންވެގެން ޓްރާންސިޓް ކަރަންޓީނަށް ގެންދިޔަ 360 މީހުން ރަށަށް ފޮނުވާލައިފިއެވެ. މިހާތަނަށް އައިރު ޓްރާންސިޓް ކަރަންޓީން ފެސިލިޓީއަށް ދެހާސް ހަތް ސަތޭކައަށްވުރެ ގިނަ މީހުން ވަނީ ގެންގޮސްފައެވެ.
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާލޭގައި ހިންގަމުންދާ ފުރަބަންދަށް ލުއި ދިނުމާއިއެކު ޓްރާންސިޓް ކަރަންޓީނަށް ގެންދާ މީހުންގެ މަސައްކަތް އަވަސް ވެފައިވާކަމަށެވެ. އެގޮތުން މިހާތަނަށް އައިރު ޓްރާންސިޓް ކަރަންޓީންތަކަށް 2711 މީހުން ގެންގޮސްފައިވާކަމަށެވެ. އެގޮތުން އިއްޔެ އެކަނިވެސް 94 މީހުން ޓްރާންސިޓް ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވާކަމަށެވެ.
މި ފެސިލިޓީތަކުން މީހުން އަނބުރާ ރަށަށް ދިއުމުގެ ހުއްދަ ދެނީ 14 ދުވަހު ކަރަންޓީން ވުމަށް ފަހު ކޯވިޑް 19އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ. އެގޮތުން މިހާތަނަށް އައިރު މި ޕްރޮސީޖަރ ފުރިހަމަ ކުރުމަށް ފަހު 360 މީހުން ފޮނުވާލާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ،
މަބްރޫކް ވިދާޅުވިއެވެ.
މި ޙާލަތުގައި މާލެއިން އެއްވެސް ރަށަކަށް މީހަކު ފޮނުވާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭއިރު، މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށްދާން އެދުނު ފަރާތްތައް ރަށްރަށަށް ފޮނުވުމުގައި ކައުންސިލްތަކާ ގުޅިގެން ރިވިއުކުރުމަށްފަހު 1600 މީހުންގެ ލިސްޓެއް ވަނީ ހަދާފައެވެ. މި ލިސްޓްގައި ހިމެނޭ މީހުންނަށް އިސްކަން ދިނުމަށްފަހު އިތުރު މީހުންވެސް ރަށަށް ފޮނުވުމަށް މިހާރު ދަނީ ކަރަންޓީންކުރަމުންނެވެ.
ސަރުކާރުން ވަނީ މިހާލަތުގައި ރައްޔިތުންގެ ސަލާމަތައްޓަކައި ގިނަ އިންތިޒާމުތަކެއް ހަމަޖައްސަވާފައެވެ. އެގޮތުން އައިސޮލޭޝަން ފެސިލިޓީތަކާއި، ކަރަންޓީނާއި ޓްރާންސިޓް ކަރަންޓީން ފެސިިލިޓީތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ޤާއިމުކޮށްފައެވެ. ރާއްޖޭގައި ކޯވިޑް 19ގެ ބަލި މީހުންނާއި ހައި ރިސްކް މީހުން ބެލެހެއްޓުމަށް އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި 10 ރިސޯޓެއް ހިމެނޭހެން ޖުމުލަ 12 ތަނެއް ބޭނުންކުރަމުންދާއިރު، ކަރަންޓީން ފެސިލިޓީގެ ގޮތުގައި 11 ރިސޯޓެއް ދަނީ ބޭނުންކުރަމުންނެވެ. އަދި ހަމަމިއާއެކު ޓްރާންސިޓް ކަރަންޓީން ފެސިލިޓީގެ ގޮތުގައި 9 ރިސޯޓެއް ބޭނުން ކުރަމުން އަންނައިރު މާލެއިން އިތުރު ގެސްޓް ހައުސްތަކެއްވެސް ޓްރާންސިޓް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ދަނީ ބޭނުންކުރަމުންނެވެ.