ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އައު ކައުންސިލަރުން އިންތިޚާބުކުރެވެންދެން މިހާރުތިބި ކައުންސިލް މެންބަރުން މަޤާމުގައި ދެމިތިބެވޭނެ ގޮތަކަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމާގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޤާނޫނު އަސާސީއަށް އިޞްލަޙު ގެނައުމަށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ނުފެންނަކަމަށް ވޯޓް ދެއްވީ އެންމެ މެންބަރެކެވެ. ސުޕްރީމް ކޯތްގެ ލަފައެއް ހޯދުމަށް މަޖިލީހުން ފާސްކޮށްފައިމިވަނީ، ޤާނޫނު އަސާސީއަށް އިޞްލާހުކޮށް ކައުންސިލް މެންބަރުންގެ ދައުރު ދައްމައިލެވިދާނެކަމަށް ބަންޑާރަ ނާއިބާއި، މަޖިލީހުގެ ކައުންސިލަ ޖެނެރަލް ލަފާދެއްވާފައިވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ލަފައެއް މިމައްސަލާގައި ހޯދުމަށް ޤަރާރެއް ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ. މެންބަރު ޣަފޫރު ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހު ކުރެއްވުމާމެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައިވެސް ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް މިމައްސަލައަކީ ޚިޔާލުތަފާތުވެ، ބަހުސްކުރެވި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ނިމެންޖެހޭ މައްސަލައެއްކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި މިކަމުގައި ޤާނޫނީ އެންމެ ފަހުބަސްބުނާ ސްޕްރީމް ކޯޓުގެ ލަފައެއް ހޯދުމަކީ ކުރަންޖެހޭ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވަނީ ، ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް ޤާނޫނު އަސާސީއަށް ހޫށައަޅާފައިވާ އިޞްލާޙުގެ ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ. މެންބަރު އަޙްމަދު ޙަލީމް ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާޙުގައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި އަތޮޅުކައުންސިލްތަކާއި، ރަށުކައުންސިލްތަކާއި، ސިޓީކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަޤާމުގައި ދެމިތިބޭނެކަމަށެވެ.
ސިއްޙީ ކުއްލި ނުރައްކަލުގެ މިޙާލަތުގައި ޤާނޫނު އަސާސީ އިޞްލާހުކުރުމާމެދު އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑެވެ. ޤާނޫނުއަސާސީގެ 95ވަނަ މާއްދާގައި އޮންނަނީ ޤާނޫނުގައި އޮންނަ ކަމަކާމެދު އުފެދޭ މުހިންމު ސުވާލުތަކާއި ޤާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ހުށަހެޅިދާނެކަމަށެވެ.