މިދިޔަ އޭޕްރިލްމަހު ރާއްޖޭގެ ތަކެއްޗާއި ހިދުމަތްތަކުގެ އަގުތައް، ނުވަތަ އިންފްލޭޝަން ރޭޓް 3.62 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެންބީއެސް ގެ ބުނެފިއެވެ.
އެންބީއެސްއިން ނެރެފައިވާ މުދަލާއި ތަކެތީގެ އަގުތަކާއިބެހޭ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލްމަހު ގިނަ ބާވަތްތަކާއި ހިދުމަތްތަކުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. މިގޮތުން 2019 ވަނަ އަހަރުގެ އޭޕްރިލް މަހުން 2020 ވަނަ އަހަރުގެ އޭޕްރިލްމަހާއި ހަމައަށް އިންފްލޭޝަން ރޭޓް ވަނީ 3.62 އިންސައްތައަށް ދަށަށް ގޮސްފައެެވެ. 2019 ވަނަ އަހަރުގެ އޭޕްރިލް މަހު ތަކެއްޗާއި ހިދުމަތުގެ އަގުތައް ހުރީ 0.40 އިންސައްތަ މަތިކޮށެވެ.
އެންބީއެސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޭޕްރިލް މަހު ތަކެއްޗާއި ހިދުމަތްތަކުގެ އަގުތައް ދަށަށް ދިޔައީ ގޭގެ ކުލި، ފެން، ކަަންޓު، ގޭސް، އަދި ތެލުގެ އަގުތައް ދަށަށް ދިއުމުންނެވެ. އަދި މިބައިތަކުގެ އަގު ދަށަށް ދިއުމަށް މެދުވެރިވީ ކޯވިޑް-19އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވާޅުތަކުގެ ސަބަބުން ކަމަށެވެ.
2019 ވަނަ އަހަަރުގެ އޭޕްރިލް މަހުން 2020 ވަނަ އަހަރުގެ އޭޕްރިލްމަހާ ހަމަޔަށް އައިއިރު މުޅި ރައްޖޭގެ ގޭގެ ކުލި، ފެން، ކަަންޓު، ގޭސް، އަދި ތެލުގެ އަގުތައް ވަނީ 12.47 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެއިތުރުން މޯބައިލް މުވާސަލާތީ ހިދުމަތްތައް، ކިރާއި، ޗީޒް، އަދި ބިހުގެ ބާވަތްތައް، އެއްގަމު މަހުގެ ބައި، އިންޓަރނެޓް ހިދުމަތް، ހިފާ ގެންގުޅެ ތަކެތީގެ ބައި، ފައިވާނާއި ބޫޓު ފަދަ ތަކެތި، ސައިކަލު، އެއްގަމު ދަތުރުފަތުރުގެ ބައި އަދި ގޭތެރޭ ބޭނުންކުރާ ވަސީލަތްތަކުގެ އަގުވެސް މިމުއްދަތުގައި ވަނީ ދަށަށް ގޮސްފައެވެ.
އޭޕްރިލް މަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ތަރުކާރި، މޭވާ، ކަނޑު މަހުގެ ބައިތައް، ދުފުމުގެ ބައިތައް އަދި އެހެނިހެން ކާބޯތަކެތީގެ ބައިތައް ހިމެނެއެވެ.