ޚަބަރު

ކޯވިޑް-19 : މިއަދު އެކަނިވެސް ބަންގްލަދޭޝްގެ 350 މީހުން ފުރުވާލައިފި


ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން 350 މީހަކު މިއަދު އެ ޤައުމަށް ފޮނުވާލައިފިއެވެ. މި މީހުން ބަންގްލަދޭޝަނަށް ގެންދިއުމަށް މިއަަދު ހެނދުނު ބޭއްވި ފްލައިޓުގައި ވަނީ 198 މީހުން އެ ޤައުމަށް ފުރުވާލާފައެވެ. އަދި މެންދުރު ބޭއްވި ފްލައިޓުގައި 152 މީހަކު ވަނީ ފުރުވާލާފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިހާތަނަށް އައިރު ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 1190 މީހަކު މިވަނީ އަނބުރާ ޤައުމަށް ފޮނުވާލެވިފައެވެ.

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 350 މީހަކު މިއަދު އެ ޤައުމަށް ފޮނުވާފައި ވަނީ، ދިވެހި ސަރުކާރާއި ބަންގްލަދޭޝްގެ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

މޯލްޑިވިއަންގެ ޓުވީޓް

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުން އެ ޤައުމަށް އަނބުރާ ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެޤައުމަށް މީހުން ފޮނުވާލާފައިވެއެވެ. މި މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަސާސީ އެތައްހައްޤެއް ގެއްލި، އެމީހުންނަށް އެކި ބާވަތުގެ އަނިޔާތައް ލިބެމުންދިއުމާއި ގުޅިގެން، އެމީހުންގެ ހައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ.