ޚަބަރު

ކޯވިޑް-19 : ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ޤައުމަށް ފޮނުވާލައިފި


ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު އަނބުރާ ޤައުމަށް ފުރުވާލައިފިއެވެ. މިއާއެކު މިއަދު އެކަނިވެސް ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 352 މީހަކު މިވަނީ އަނބުރާ ޤައުމަށް ފޮނުވާލެވިފައެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިހާތަނަށް އައިރު ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 840 މީހަކު މިވަނީ އަނބުރާ ޤައުމަށް ފޮނުވާލެވިފައެވެ.

މޯލްޑިވިއަން އިން ކުރި ޓުވީޓް

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 352 މީހުން މިފަހަރު އަނބުރާ ޤައުމަށް ފޮނުވާފައި ވަނީ، ރާއްޖެ އާއި ބަންގްލަދޭޝްގެ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ޢެންމެ އެންމެ ފަހުން ބަންގްލަދޭޝްގެ ރައްޔިތުންތަކެއް އަނބުރާ ޤައުމަށް ފޮނުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެމީހުން ފޮނުވާލާފައިވަނީ ރާއްޖެއަށް ސިއްޙީ ސާމާނު ހިފައިގެން އައި ބަންގުލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓެއްގައެވެ. އއ ބޯޓުގައި 67 މީހަކު ވަނީ ފުރުވާލާފައެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ 353 މީހަކު ބީމާން އެއަރލައިންސްގެ ފްލައިޓްގައިވެސް ވަނީ އަނބުރާ ޤައުމަށް ފޮނުވާފައެވެ. މިހާތަނަށް ފޮނުވާލި އެންމެންނަކީވެސް ވާކް ވިސާ ނެތް ފަރާތްތައްކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްމީހުން ޤައުމަށް ފޮނުވާލުމުގެ މަސައްކަތުގެދަށުން މީގެ ކުރިންވެސް 68 މީހަކު އަނބުރާ ޤައުމަށް ފޮނުވާލާފައިވެއެވެ. އެމީހުން ޤައުމަށް އަނބުރާ ފޮނުވާލާފައި ވަނީ ބަންގްލަދޭޝާއި ނޭޕާލްގައި ދިރިއުޅޭ ދިވެހިން ގޮވައިގެން ރާއްޖެއައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައެވެ.

އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަސާސީ އެތައްހައްޤެއް ގެއްލި، އެމީހުންނަށް އެކި ބާވަތުގެ އަނިޔާތައް ލިބެމުންދިއުމާއި ގުޅިގެން، އެމީހުންގެ ހައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ.