ދ. ވިލުރީފު ރިސޯޓް ފަޅުތެރެއަށް ހޯމަ ދުވަހު އަޑިއަށްދިޔަ "ސަންސެޓް-4" ނަމަކަށްކިޔާ ލޯންޗް އެމްއެންޑީއެފުން ފެންމަތިކޮށްފިއެވެ.
އެމްއެނޑީއެފުން ކުރި ޓުވީޓެއްގައިވަނީ، އިއްޔެ ރާއްޖެއަށްކުރި ވިއްސާރައިގައި ދ.ވިލުރީފް ރިސޯޓް ފަޅުތެރެއަށް އަޑިއަށްދިޔަ "ސަންސެޓް-4" ނަމަކަށްކިޔާ ލޯންޗް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އެގޮތުން ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ކުރި މަސައްކަތުން އިއްޔެ މި ލޯންޗް ފެންމަތި ކޮށްފައިވާކަމަށެވެ.
ދ. ވިލުރީފު ރިސޯޓް ފަޅުތެރެއިން އިއްޔެ ލޯންޗެއް ފެންމަތިކޮށްފައިވާއިރު، މިދިޔަ ހުކުރު ދުވަހު މާލެ ސަރަހައްދައްކުރި ވިއްސާރާގައި މާލެ ސިޓީ ވެސްޓް ޕާކް ތޮށި މައްޗަށް އަރާ ހަލާކުވި "މިންވަރު" ދޯނީގެ އިންޖީންވެސް އެމްއެންޑީއެފްއިން ވަނީ ހޯދާފައެވެ.
މިދިޔަ ހުކުރު ދުވަހު ކާށިދޫއިން މާލެއަށް ދަތުރުކުރި "މިންވަރު" ނަމަކަށްކިޔާ ދޯނި މާލޭ ވެސްޓްޕާކް ސަރަޙައްދު އެއްގަމު ތޮއްޓަށް މުޑިއެރީ އެދޯނީގެ އިންޖީނު ހުއްޓިފައިވަނިކޮށެވެ. އޭރު އެދޯނީގައި ހަތަރު މީހަކު ތިއްބެވެ. އަދި ގިނަ ޢަދަދެއްގެ މޭވަޔާއި ތަރުކާރީއާއި ދަނޑުވެރިކަމުގެ އުފެއްދުންތައްވެސް ހުއްޓެވެ. މިޙާދިސާގައި "މިންވަރު"ދޯނި ވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ. މިދޯނީގައި ހުރި ގިނަ ޢަދަދެއްގެ މުދާ އެ ސަރަހައްދުން އޮޔާވެސް ގޮސްފައިވެއެވ.
މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ އެކިހާދިސާތަައް ހިނގަމުންދާ ކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބެމުންދާކަމަށާއި، އެހެންކަމުން ކަނޑުދަތުރު ކުރާ އުޅަނދުތަކުގެ އޮޑިވެރިނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފުކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރެއެެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކޮށްފައިވާ މޫސުމަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާކޮށް ގުގުރުން އެކަށީގެންވާކަމަށް ވަނީ ލަފާކޮށްފައެވެ. މި ދުވަސްވަރު ވައިގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ވައިދެޖހޭނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވެއެވެ. އަދި މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތަށް އާންމުގޮތެއްގައި ގަދަ ވާނެކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެކަމަށް ވަނީ ލަފާކޮށްފައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމަކަށްވާތީ މިކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިރުޝާދުދެއެވެ.