ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާގެ ކުންފުނިތަކަކުން ރާއްޖެއަށް ސިއްޙީ ސާމާނު ފޯރުކޮށްދީފިއެވެ.
މިކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގް ލީ ޖޮންގް ވަނީ ޓުވިޓަރ މެދުވެރިކޮށް ވަނީ ހާމަކުރައްވާފައެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުރެއްވި ޓުވީޓްތަކެއްގައި އެމަނިކުފާނު ވަނީ އެ ޤައުމުގެ ދެ ކުންފުންޏަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޗައިނާގެ ޓެލްހައު އިންޓަނޭޝަނަލް އިންޖިނިއަރިންގް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއިން ވައިގެ މަގުން ރާއްޖެ ވަނީ އެހީގެ ސާމާނު ގެނެސްފައެވެ. އެ ކުންފުނިން ވަނީ ރާއްޖެއަށް ދެލައްކަ ފޭސް މާސްކް ހަދިޔާ ކޮށްފައެވެ.
މީގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފްލެޓްތައް ތަރައްޤީކުރި ޗައިނާ މެޝިނަރީ އިންޖިއަނަރިންގް ކޯޕަރޭޝަނުންވެސް މިވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ ކުންފުނިން ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް، ޕީޕީއީވެސް ހަދިޔާކޮށްފައެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައިވެސް މުހިންމު ޚިދުމަތްތަކެއް ދަނީ ދެމުންންވެ. އެގޮތުން މި ހަފްތާގެ ތެރޭގައި 500 ޓެސްޓްގެ ނަތީޖާ ބެލޭނެ ޕީސީއާރް މެޝިނެއް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ ބޭނުންކުރަން ފަށާނެއެވެ. މި ވަގުތު ރާއްޖޭގައި ބައްޔަށް ލެބް ޓެސްޓްކުރަނީ އައިޖީއެމްއެޗް ލެބޯޓްރީއާއި، ފުލހުންގެ ލެބޯޓްރީގައި އެކަންޏެވެ.
ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ޗައިނާގެ ކުންފުނިތަކަކުން ރާއްޖެއަށް ސިއްޙީ ސާމާނު ފޯރުކޮށްދީފައިވާއިރު، މީގެ ކުރިންވެސް ޗައިނާގެ ކުންފުނިތަކާއި، ހެޔޮއެދޭ ފަރާތްތަކުން ރާއްޖެއަށް ހަދިޔާކުރި ސިއްޙީ ސާމާނު ރާއްޖެ ވަނީ ގެނެސްފައެވެ. އަދި މީގެ އިތުރުން ދިވެހި ސަރުކާރުން ގާއިމުކުރާ އެމަޖެންސީ މަރުކަޒުތައް ޤާއިމުކުރުމުގައިވެސް ޗައިނާގެ ކުންފުނިތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންންވެ.