ކޯވިޑް-19ގެ ޙާލަތާއި ގުޅޭގޮތުން މިއަދު ބާއްވާ ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ތަޤްރީރުކުރަން ހަމަޖެހިއްޖެއެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ މި ބައްދަލުވުން ކޮމަންވެލްތުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި ކޮމަންވެލްތުގައި ހިމެނިވަޑައިގަންނަވާ 54 ޤައުމެއްގެ ހެލްތު މިނިސްޓަރުން ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިންވެސް ހެލްތު މިނިސްޓަރ ޢަބަދުﷲ އަމީން ވަނީ ބައިނަލްއަޤްވާމީ އެކި އެކި ޖަމުޢިއްޔާތަކުގެ ބައްދަލުވުންތަކުގައި މި ދަނޑިވަޅާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ތަޤުރީރުކުރައްވާފައެވެ. އެގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމާއި، ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ޞިއްޙަތާބެހޭ ވަޒީރުންނާއެކު ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑައިރެކްޓަރާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސްގައިވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މީގެ އިތުރުން ހެލްތު މިނިސްޓަރ އަމީން ވަނީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދެނޯމް ގެބްރިއޯސުސްއާވެސް ވީޑިއޯ ކޯލް މެދުވެރިކޮށް މަޝްވަރާކުރައްވާފައެވެ. މި ދަނޑިވަޅުގައި ރާއްޖެއިން ދަނީ ރާއްޖޭގެ ޚާރިޖިއްޔާ މެދުވެރިކޮށް ބައިނަލްއަޤްވާމީ މުޖުތަމައާއި މުޢާމަލާތުކޮށް އެހީ ހޯދުމަށްޓަކައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންންވެ. އެގޮތުން އިންޑިއާ، ބަންގްލަދޭޝް، ޗައިނާ، ޖަޕާން އަދި އެމެރިކާ ފަދަ ޤައުމުތަކުން މި ދަނޑިވަޅާއި ގުޅުވައިގެން ރާއްޖެއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.