ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މި ޙާލަތުގައިވެސް ސިއްޙީ އެހެނިހެން ބަލިތަކާއި، އިޖުތިމާޢީ މައްސަލަތަކަށް ސާމާލުވެ އިސްކަން ދިނުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ޑަބްލިއުއެޗްއޯގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރި އަސަރުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އަދި ވަކިން ޚާއްސަކޮށް ފަތުރުވެރިކަމަށާއި، މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގެ ދާއިރާއަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާކަން ފާހަގަކުރެއްވިއެވެ. މި ބަލިމަޑުކަމުގެ ސަބަބުން މުޅި އިންސާނިއްޔަތައް މިވަނީ ބޮޑު ގޮންޖެހުންތަކެއް ކުރަމަތިވެފައިކަން މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.
މި ދަނޑިވަޅަކީ ކޮންމެ ޤައުމެއްގެވެސް ހެލްތް މިނިސްޓަރުން އިސްސަފަށް ނިކުމެ މިސާލު ދައްކުވައިދޭންވީ ވަގުތުކަން ފާހަގަކުރައްވާ މިނިސްޓަރ އަބްދުﷲ އަމީން ވަނީ، މިޙާލަތުގައި ކޮންމެ ޤައުމެއްގެ ސަރުކާރަކުންވެސް ސިއްޙީ ދާއިރާއަށް ކުރާ އިންވެސްޓްމެންޓް އިތުރުކުރުމަށް ގޮވާލައްވާފައެވެ.
ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މި ޙާލަތުގައި ސިއްޙީ އެހެނިހެން ބަލިތަކާއި، އިޖުތިމާޢީ މައްސަލަތަކަށް ދޭ ސަމާލުކަން ކުޑަކޮށްގެން ނުވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ސަބަބައްޓަކައި މިފަދަ ކަންކަމަށް މި ދަނޑިވަޅުގައިވެސް ސަމާލުވެ އިސްކަން ނުދީފިނަމަ ކުރިއަށް އޮތްތަނުގައި އިތުރު އުނދަގޫތަކާއި ކުރިމަތިލާންޖެހޭނެކަމުގެ ބިރު އެބަ އޮތްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ ތަޤްރީރްގައި މިދަތި ޙާލުގައި ރާއްޖެއަށް އެހީވާ ޤައުމުތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވަކިން ޚާއްސަކޮށް މި ދަނޑިވަޅުގައި އިންޑިއާއާއި ޗައިނާއިން ރާއްޖެއަށް ވެދޭ އެހީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ މިދަނޑިވަޅުގައި ބައިނަލްއަޤްވާމީ މައިދާނުގައި ހުރިހާ ޤައުމެއް އެކުގައި ކޯވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން މި ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންވާ މަޢުލޫމާތާއި ވަސީލަތްތައް އެތަކެއްޗަށް ބޭނުންވެފައިވާ ޤައުމުތަކަށް ފޯރުކޮށްދިނުމަށް ވަނީ ގޮވާލައްވާފައެވެ.