ޚަބަރު

ކޯވިޑް-19 : ޕާކިސްތާން ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ 43 މީހަކު ފޮނުވާލައިފި


ރާއްޖޭގައި ތިބި ޕާކިސްތާން ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވި 43 މީހަކު އަނބުރާ ފޮނުވާލައިފިއެވެ.

މި މީހުން ފުރުވާލުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޕާކިސްތާންގެ ހައި ކޮމިޝަނަރ ވައިސް އެޑްމެރަލް ރިޓަޔަޑް އަތަރް މުޚްތާރާއި ޑެޕިއުޓީ ހައި ކޮމިޝަނަރ ޒުލްޤަރްނައިން އަޙްމަދުގެ އިތުރުން ޕާކިސްތާން ހައިކޮމިޝަންގެ އިސް ބޭފުޅުން ވަޑައިގެންނެވިއެވެ.

މިއީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޕާކިސްތާނުގެ ރައްޔިތުންތަކެއް ރާއްޖެއިން ފޮނުވާލި ފުރަތަމަ ފަހަރެވެ. ޕާކިސްތާންގެ މި 43 މީހުން އަނބުރާ ޤައުމަށް ފޮނުވާލިކަން ހާމަކޮށް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ މީހުން ފޮނުވާލީ ސްރިލަންކާ މަގުން ޔޫއެލްގެ ފްލައިޓެއްގައިކަމަށެވެ.

ޕާކިސްތާނުގެ 3 މީހަކު ރާއްޖެއިން ކޯވިޑް-19އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މީގެ ތެރެއިން އެކަކަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަނަމަވެސް އެންމެންގެ ހާލުވެސް ރަނގަޅުކަން ޕާކިސްތާން ހައިކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ދިރިއުޅެމުންދާ ޕާކިސްތާނުގެ ރައްޔިތުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށާއި، މިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށްވެސް ޕާކިސްތާން ހައިކޮމިޝަނުން ވިދާޅުވެއެވެ. ޕާކިސްތާން ހައިކޮމިޝަނުން ވަނީ ރާއްޖޭގައި ތިބި އެޤައުމުގެ އިތުރު ރައްޔިތުން އަނބުރާ ފޮނުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަންވެސް ހާމަކުރައްވާފައެވެ.

ޕާކިސްތާން ހައި ކޮމިޝަންގެ ޓުވީޓް

މިއަދު ފުރުވާލި މީހުންނަށް ދަތުރަށް ބޭނުންވާ ވަރަށް އެންނައިންޓީ ފައިވް މާސްކާއި، ސެނިޓައިޒާ އާއި އަންގި ވަނީ ފޯރުކޮށްދީފައެވެ. މި މީހުން ޕާކިސްތާނުގެ ލާހޯރަށް ދިއުމުން 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހޭނެއެވެ. ޕާކިސްތާން ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ ރައްޔިތުން ފޮނުވާލާފައިވާއިރު، މީގެ ކުރިން ބަންގްލަދޭޝް އާއި އިންޑިއާ ފަދަ ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވެފައިތިބި ބައެއް މީހުން މިހާރުވެސް ވަނީ އެ ޤައުމުތަކަށް ފޮނުވާލާފައެވެ.