ޚަބަރު

ކޯވިޑް-19 : ހުޅުމާލެ މެޑިކަލް ފެސިލިޓީ އަންނަ ބުރާސްފަތު ދުވަހު އޮޕަރޭޓްކުރަން ފަށަނީ


ހުޅުމާލެ މެޑިކަލް ފެސިލިޓީ އަންނަ ބުރާސްފަތި ދުވަހު އޮޕަރޭޓްކުރަން ފަށާނެކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އައިޖީއެމްއެޗުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ އެންމެ ގޯސް ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައި ތަރައްޤީކުރާ ހުޅުމާލެ މެޑިކަލް ފެސިލިޓީއިން ޚިދުމަތް ދޭން ފެށުމަށް ނިންމާފައިވާކަމަށެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އޮޕަރޭޝަން ފެށުމަށް ހަމަޖެހިފައިވާއިރު، އެ ފެސިލިޓީގެ ކޯލްޑް ސްޓޯރޭޖްގައި އެނދުރޭވުމުގެ މަސައްކަތާއި އެހެނިހެން ސިއްޙީ އާލާތްތައް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ.

ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު ނިންމާލެވޭނެކަމަށް އިބްރާހިމް ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުން އެ ފެސިލިޓީގެ ބާކީ ހުރި ބައިތައް ތަރައްޤީކުރުމުގެ މަސައްކަތް ދިވެހި ސިފައިން މެދުކެނޑުމެއްނެތި ކުރަމުންދާކަމަށާ، މި ބައިތަކުގެ މަސައްކަތްވެސް ކުރިއަށް އޮތް ފަސްވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އިބްރާހިމް ސަލީމް ވިދާޅުވިއެވެ. އަދި މި ފެސިލިޓީ އަންނަ ބުރާސްފަތި ދުވަހު އޮޕަރޭޓްކުރަން ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދެ ފޭސްއަކަށް މި މަސައްކަތް ކުރަނީ. ފުރަތަމަ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް. މިއީ ސަރޖްއެއް އައިސިއްޔާ އެންމެ ފުރަތަމަ ބޭނުންކުރާނެތަން. މިކަން ނިންމާލެވޭނެ ދެ ތިން ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ. މީގެ އިތުރުން ހުރި ތަންތަން ތަރައްޤީކުރުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުން. އެގޮތުން މި ބައިތަކަށް ބޭނުންވާ ވަސީލަތްތައް މިހާރު ރާއްޖެ ވަނީ ގެނެސްފައި. މީގެ ތެރޭގައި އިންޑިއާއިން ގެނައި ތަކެތި ހިމެނޭ"

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީ އަންނަ ބުރާސްފަތި ދުވަހު އޮޕަރޭޓްކުރަން ފަށާނެކަމަށް އައިޖީއެމްއެޗުން ހާމަކޮށްފައިވާއިރު، މި ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ އެ ތަނުގައި ކަރަންޓީން ވެފައިތިބި ސިފައިންނެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ބައިތިއްބުމަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މި ފެސިލިޓީއަކީ، 289 އެނދުގެ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ އެކޮމޮޑޭޝަން ބްލޮކްގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ މާހިރުންނަށް ތިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ސަރވިސް އިމާރާތުގައި ބަދިގެއާއި، ކުނި މެނޭޖްކުރާ ޔުނިޓް އަދި ލޯންޑްރީވެސް ހުންނާނެއެވެ. މި ފެސިލިޓީ ތަރައްޤީކުރުމަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެންއީއޯސީއިން ވިދާޅުވެއެވެ.