ޚަބަރު

"ކޯވިޑް-19ގެ ނުރައްކާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށް އެބައޮތް"


ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު ކޯވިޑް-19ގެ ނުރައްކާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށްވެސް އެބައޮތްކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އައިޖީއެމްއެޗާއި ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސް ޑރ. ޢަލީ ނަޒީމް ވިދާޅުވީ، ކޯވިޑް-19 ބަލި ޖެހޭ މީހުންގެ ތެރެއިން އަލާމާތްތައް ނުފެންނަ މީހުންގެ އަދަދު ގިނަ ވަމުންދާކަމަށެވެ.

ނަޒީމް ވިދާޅުވީ ހޮސްޕިޓަލްތަކުގައި ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑީ އެމަޖެންސީ ރޫމް، އީއާރުގައި ކަމަށެވެ. އަދި މިކަމަކީ ދުރާލާ ދެނެގަނެވޭނެ ކަމެއް ނޫންކަމުން މިދަނޑިވަޅުގައި ކޯވިޑް-19ގެ ނުރައްކާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށްވެސް އެބައޮތްކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ. އެގޮތުން މި ފަދަ ކޭސްތަކެއް ދާދިފަހުންވެސް އައިޖީއެމްއެޗުން ފެނިފައިވާކަން ޑރ. ނަޒީމް ފާހަގަކުރެއްވިއެވެ.

ބަލީގެ އަލާމަތްތައް ނުފެންނަ މާބަނޑުމީހެއް ބައްޔަށް ޕޮޒިޓިވްވިއިރު، ކޯވިޑް ބަލީގައި މަރުވި ބިދޭސީ މީހާގެ ކިބައިންވެސް މި ބަލީގެ އަލާމާތް ނުފެންނަކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އަދި އައިޖީއެމްއެޗުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވީނަމަވެސް މިފަދަ ކޭސްތަކާއި ގުޅިގެން މިހާރުވެސް އެހޮސްޕިޓަލްގެ 16 ނަރުހަކު ކަރަންޓީނު ކޮށްފައިވާކަން ޑޮކްޓަރ ނަޒީމް ފާހަގަކުރެއްވިއެވެ.

"މިދަނޑިވަޅުގައި ކޯވިޑް-19ގެ ނުރައްކާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށް އެބައޮތް. މިހާރު ގިނަވަނީ އެސިމްޓަމެޓިކް ކޭސްތައް. އީއާރްއަށް ގެންދާ މީހުން މިގޮތައް ވަކި ނުކުރެވޭ. މި ސަބަބައްޓަކައި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށް މި ނުރައްކާ އޮތީ" ޑރ. ނަޒީމް ވިދާޅުވިއެވެ.

ޑޮކްޓަރ ނަޒީމް ވިދާޅުވީ އައިޖީއެމްއެޗުގެ ތެރެއިން ބަލި މީހަކާއި ކޮންޓެކްޓުވި ޑޮކްޓަރަކަށް ނުވަތަ ނަރުހަކަށް މިހާތަނަށް ކޯވިޑް-19 ޖެހިފައިނުވިނަމަވެސް އެ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެ ދެމީހުންވެސް ޕޮޒިޓިވެފައިވަނީ ހޮސްޕިޓަލުން ބޭރުން އެމީހުން ދިރިއުޅޭ މާހައުލުން ކޮންޓެކްޓުވެގެން ކަމަށެވެ.

ކޯވިޑް-19ގެ ނުރައްކާ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ކުޑަކުރުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްޙީ ޚިދުމަތްތެރިން ގެޔަށް ނުގޮސް ތިބެވޭނެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް އައިޖީއެމްއެޗުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް ޖުމްލަ 65 ފަރާތަކަށް މި އިންތިޒާމު ހަމަޖައްސާދީފައިވާކަމަށާއި އިތުރު ފަރާތްތަކަށްވެސް މި އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވެއެވެ.