ޚަބަރު

ކޯވިޑް-19 : ހުޅުމާލެ ދުވަނަ ފިޔަވަހީގައި ބިދޭސީންނަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ ފެސިލިޓީގެ މަސައްކަތް މިމަހު 18ގައި ނިމޭނެ


ހުޅުމާލެ ދުވަނަ ފިޔަވަހީގައި ބިދޭސީންނަށް ޙާއްސަކޮށްގެން ތަރައްޤީކުރާ ކަރަންޓީން ފެސިލިޓީ މިމަހުގެ 18އަށް ނިންމާލެވޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގް ލީޖޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ކުންފުންޏަކުން ޚަރަދުކޮށްގެން އިމާރާތްކުރާ މި ފެސިލިޓީގެ މަސައްކަތް ނިމުމަކާއި ގާތްވެެފައިވާއިރު ޗައިނާ ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ދެފަހަރެއްގެ މަތިން ރާއްޖެއަށް އެހީގެ ސާމާނު މީގެ ކުރިންވެސް ވަނީ ފޮނުވާފައެވެ.

ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ރާއްޖޭގައި މަސައްކަތްކުރާ ޗައިނާގެ ކުންފުނިތަކުގެ އިތުރުންވެސް އެޤައުމުގެ އެކި ކުންފުނިތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ ކުންފުނިތަކުން ކޯވިޑް-19ގެ ޙާލަތް ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރަށް ވަމުންދާ އެހީގެ ތަފްސީލް ހިއްސާކުރައްވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގް ލީ ޖޮންގް ވަނީ ރާއްޖެއަކީ އަބަދުވެސް ޗައިނާއިން ގާތް ގުޅުންތަކެއް ބަދަހިކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް އެހީވުމުގައި ޗައިނާއިން ދުވަހަކުވެސް ފަސް ނުޖެހޭނެކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.

ޗައިނާގެ ސަފީރު ކުރެއްވި ޓވީޓްތަކުގައި ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ ކުންފުނިތަކުން ވަމުންދާ އެހީގެ ތަފްސީލް ހިއްސާކުރެއްވިއެވެ.

ޗައިނާގެ ސަފީރުވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޗައިނާގެ ކުންފުންޏަކުން ތަރައްޤީކުރާ ކަރަންޓީން ފެސިލިޓީގެ މާއުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން މި ފެސިލިޓީގެ މަސައްކަތުގެ 68 އިންސައްތަ މިހާރު ނިމިފައިވާއިރު، މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ނިންމާލެވޭނެކަމަށް ބެލެވޭކަމަށް ސަފީރު ވިދާޅުވިއެވެ.


މި ފެސިލިޓީއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 7000 ހައުސިންގް ޔުނިިޓް ތަރައްޤީކުރި، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގް ކޯޕްއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެގޮތުން އެ ކުންފުނީގެ 100 މުއައްޒަފުން ރާއްޖޭގައި އަލައް ތަރައްޤީކުރާ 800 އެނދުގެ ކަރަންޓީން ފެސިލިޓީ ތަރައްޤީކުރުމުގައި ބައިވެރިވާކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ފެސިލިޓީ އިމާރަތްކުރުމަށް ބޭނުންވާ ސާމާނުވެސް އެ ކުންފުނިން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން އެކުންފުނިން މި ފެސިލިޓީ ތަރައްޤީކުރުމަށް އެކަނިވެސް 280 ހާސް އެމެރިކާ ޑޮލަރުގެ އެހީ ދިނިމަށް ވަނީ ނިންމާފައެވެ. ހަ ބްލޮކްއަކަށް ބަހާލައިގެން ތަރައްޤީކުރާ މި ފެސިލިޓީގައި މެސް ރޫމްގައި 175 މީހުންނަށް އެއްފަހަރާ ރައްކާތެރިކަމާއެކު ކައިބޮއެ ހެދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި އިމާރާތްތަކުގެ 2 ބްލޮ ޚާއްޞަކޯށްފައިވަނީ ފާޚާނާ ބަރިތަކަށެވެ. އެގޮތުން މި ފެސިލިޓީގައި ޖުމުލަ 84 ފާޚާނާ ހުންނާނެއެވެ.

ޗައިނާ ސަފީރު ކުރެއްވި ޓުވީޓް

މީގެއިތުރުން ރާއްޖޭގެ އެންމެ ފުރަތަމަ ބްރިޖް، ސިނަމާލެ ބްރިޖް ތަރައްޤީކުރި ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ގްރޫޕުން ސިއްޙީ ޚިދުމަތްދިނުމަށް ރާވާލެވޭގޮތަށް ފަރުމާކޮށްފައިވާ 10ގެ އެޅުމަށް ބޭނުންކުރާ ސާމާނު ވަނީ ފޯރުކޮށްދީފައެވެ. މި 10 އިމާރާތުގައި 101 އެނދު ބަހައްޓައިގެން ފަރުވާދެވޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވިއެވެ.

ޗައިނާ ސަފީރު ކުރެއްވި ޓުވީޓް

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކޯޑް އެފް ރަންވޭ ތަރައްޤީކުރި ބެއިޖިންގް އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީން ވަނީ ހުޅުމާލޭގައި ތަރައްޤީކުރާ އައު ކަރަންޓީން ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގައި އެކުންފުނީގެ 40 މުއައްޒަފުން ބައިވެރިކޮށްފައެވެ. މި ކަރަންޓީން ފެސިލިޓީއަކީ، 327 އެނދުގެ ފެސިލިޓީއެކެެވެ.