ދުޝަމަނަކީ ކޯވިޑް-19 ވައިރަސްކަމަށާއި، ބަލިޖެހިފައިވާ މީހުންނާމެދު މުޖުތަމަޢުގައި ދެކޭގޮތް ބަދަލުކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ މަންދޫބު ޑރ.އަރްވިންދް މާތުރް ގޮވާލައްވައިފިއެވެ.
ޑރ.އަރްވިންދް މާތުރް ވަނީ ރާއްޖެއަކީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ދުރާލާ އެޅި ފިޔަވަޅުތަކުގެ ސަބަބުން ކާމިޔާބީތަކެއް ޙާސިލްކުރުމަންދާ ޤައުމެއްކަމަށް ވިދާޅުވެފައެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ލައިވް ކަވަރޭޖްގެ ތެރެއިން ވާހަކަފުޅުދައްކަވަމުން، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ މަންދޫބު ޑރ.އަރްވިންދް މާތުރް ވަނީ ބަލިމަޑުކަމެއް ކޮންޓްރޯލްކުރުމަށް ބަލީގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން މުހިންމުކަން ފާހަގަކުރައްވާފައެވެ.
ބަލީގެ ސައްޙަ މަޢުލޫމާތު ނުލިބުމުން އިޖުތިމާޢީ ގިނަ މައްސަލަތަކެއް އުފެދޭކަން ފާހަގަކުރައްވައި ޑރ.އަރްވިންދް މާތުރްވަނީ ރާއްޖޭގައި މައުލޫމާތު ފޯރުކޮށްދިނުމުގައި ސަރުކާރާއި މީޑިއާތަކުން އެކަށޭނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މިވަގުތު ރައްޔިތުންގެ ހިތްތަކަށް ބިރު ވަދެ އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ބައެއް ނޭދެވޭ އަމަލުތައް ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ބައްޔަކީ ދިިރިއުޅުން މުޅިން ބަނަކޮށްލާ ބައްޔަކަށް ވާއިރު، މި ބަލި ޖެހުމުން މުޖުތަމަޢުން ބަލިޖެހޭ މީހާއާމެދު ދެކޭގޮތް ބަދަލުވެގެންދާ ދިއުމަކީ މިއަދު ބަދަލުކުރަންޖެހިފައިވާކަމެއްކަމަށް ޑރ.އަރްވިންދް މާތުރް ވިދާޅުވިއެވެ.
ޑރ. އަރްވިންދް މާތުރް ވިދާޅުވިއެވެ.
ރާއްޖެއަކީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ދުރާލައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ކާމިޔާބީތަކެއް ޙާސިލްކުރުމަންދާ ޤައުމެއްކަމަށް ޑރ.އަރްވިންދް ވިދާޅުވިއެވެ. އެގޮތުން ތާމަލް ކެމެރާ ހަރުކުރުމުން ފެށިގެން ޙާލަތަށް ރިޢާޔަތްކޮށް ގިނަ ޢަދަދެއްގެ ސިއްޙީ ވަސީލަތއތްތައް ޤާއިމުކުރުމާ ހަމައަށް ރާއްޖެއިން ކުޑަމުއްދަތެއްގެ ތެރޭގައި ހާސިލްކުރި ކާމިޔާބީއަށް އެމަނިކުފާނު ތަޢުރީފްކުރެއްވިއެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ކޮންޓްރޮލްކުރެވިފައިވަނީ މިފަދަ އަވަސް ފިޔަވަޅުތަކުގެ ސަބަބުންކަން ފާހަގަކުރައްވައި ޑރ.އަރްވިންދް މާތުރްވަނީ، މި ވަގުތު ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރައްވައި ރައްކާތެރިކަމާއެކު ގޭގައި ތިއްބެވުމަށް އިލްތިމާސްކުރައްވާފައެވެ.
ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަމަށް ދޭ އަހަންމިއްޔަތުކަން އިތުރުކުރުމަށް ގޮވާލައްވައި ޑރ.އަރްވިންދް މާތުރް ވަނީ މިދަނޑިވަޅުގައި މިފަދަ ކޭސްތައް އިތުރުވާނެކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ. މިފަދަ އުނދަގޫތަކަކީ ހާމަކުރަން ފަސްޖެހެންވީކަންކަމެއް ނޫންކަން ފާހަގަކުރައްވައި ޑރ.އަރްވިންދް މާތުރު ވަނީ މިފަދަ އުނަދަގުލެއް ވާނަމަ ސަރުކާރުން ޤާއިމުކުރައްވާ ވަސީލަތްތަކުން އެހީ ހޯދުމަށް އިލްތިމާސްކުރައްވާފައެވެ.