ކޯވިޑް-19

ކޯވިޑް-19 : ބައްޔަށް ޓެސްޓު ކުރުމަށް އެފްރިކާ ބައްރުގެ ޤައުމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި


ކޯވިޑް-19 އާއި ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މިދަނޑިވަޅުގައި ބައްޔަށް ޓެސްޓްކުރުމުގެ ކަންކަން ވަރުގަދަ ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އަންނަނީ ޤައުމުތަކަށް ގޮވާލަމުންނެވެ. މިއީ ބަލިމަޑުކަން ފެތުރެމުންދާ ސަރަޙައްދުތަކާއި، ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް ކޮންމެހެން ކުރަންޖެހޭ މުހިއްމުކަމެކެވެ.

ޔޫރަޕާއި އޭޝިއާގެ ޤައުމުތަކަށްފަހު، ކޯވިޑް-19 މިހާރު އެފްރިކާ ބައްރުގެ ޤައުމުތަކާއި ހަމައަށް ފޯރާފައި ވާއިރު، ބައްޔަށް ޓެސްޓްކުރުމުގެ ކަންކަން އެފްރިކާގެ ޤައުމުތަކުގައި އޮތީ ކަންބޮޑުވާ ދަރަޖައެއްގައެވެ. އެފްރިކާގެ ޤައުމުތަކުގައި އެކިކަހަލަ ބަލިމަަޑުކަން ފެތުރުން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރާ އެފްރިކާ ސެންޓަރސް ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނާގޮތުގައި އެފްރިކާގެ ޤައުމުތަކުގައި ކޯވިޑް-19 އަށް ޓެސްޓްކުރާ ރޭޓުގެ ފަރަގު ވަރަށްވެސް ބޮޑެވެ.

އެފްރިކާއަަށް ނިސްބަތްވާ ޤައުމުތަކަށް ބަލާލާއިރު ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ބައްޔަށް ޓެސްޓްކުރުމުގައި ކުރީގައި އުޅެނީ އާބާދީ މަދު ކުދި ޤައުމުތަކެވެ. އެގޮތުން މޮރިޝަސް އާއި ޖިބޫތީފަދަ ޤައުމުތަކުގައި ކޯވިޑް-19 އަށް ޓެސްޓްކުރާ ރޭޓް އުޅެނީ މަތީގައެވެ. ގާނާގައިވެސް ބައްޔަށް ޓެސްޓްކުރުމުގެ އިންސައްތަ އެފްރިކާގެ އެހެން ޤައުމުތަކާ އަޅާބަލާއިރު މައްޗެވެ.

ދެކުނު އެފްރިކާއިންވެސް އަންނަނީ ކޯވިޑް-19އަށް ޓެސްޓްކުރުމުގައި ޢަމަލުކުރާ ސިޔާސަތުތައް ހަރުދަނާކޮށް، ޓެސްޓްކުރުމުގެ ކަންކަން ވަރުގަދަ ކުރަމުންނެވެ. މިހާތަނަށް ދެކުނު އެފްރިކާގައި 2 ލައްކައަަށްވުރެ ގިނަ ޓެސްޓް ހަދާފައި ވީނަމަވެސް، މިއީ ދެކުނު ކޮރެއާ، އިޓަލީވިލާތް އަދި ޖަރުމަނުވިލާތާއި އަޅާބަލާއިރު މަދު އަދަދެކެވެ. ނަމަވެސް އެމެރިކާ އާއި އިނގިރޭސިވިލާތަށްވުރެ މި ޤައުމުތަކުގައި ޓެސްޓްކުރާ އިންސައްތަ މަތިކުރުމުގައި ކުރިއެރުން ވަނީ ހޯދާފައެވެ.

އެހެންނަމަވެސް ހުޅަނގު އެފްރިކާގައި އޮންނަ ނައިޖީރިއާގައި ކޯވިޑް-19 އަށް ޓެސްޓްކުރުމުގައި ބޮަޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. 195 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ނައިޖީރިއާއަކީ އެފްރިކާގެ އެންމެ އާބާދީ ބޮޑު ޤައުމެވެ. ނައިޖީރިއާ ސަރުކާރުން ބޮޑަށް ބާރުއަޅާފައި ވަނީ އެ ޤައުމުގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުން ނިސްބަތްވާ "ކްލަސްޓަރސް"ތައް ޓެސްޓްކުރުމަށެވެ. އެކަން އިތުރަށްފުޅާކޮށް، ދުވާލެއްގެ މައްޗަށް 5000 މީހުން ކޯވިޑަށް ޓެސްޓްކުރުމަކީ އެ ޤައުމުގެ ސަރުކާރުގެ އަމާޒެކެވެ. ނަމަވެސް އަދި މި އަދަދު ދުވާލެއްގެ މައްޗަށް 1000 އަށްވެސް ނާރައެވެ.

އެފްރިކާގެ ބައެއް ޤައުމުތަކުގައި ކޯވިޑް-19 އަށް ޓެސްޓްކުރާ މީހުންގެ ތަފާސް ހިސާބުތަކެއް ލިބެންވެސް ނެތެވެ. އޭގެ ތެރޭގައި އެރިޓްރިއާ އާއި އަލްޖީރިއާ ހިމެނެއެވެ. އެފްރިކާގެ ބައެއް ޤައުމުތަކުގައި ޓެސްޓް ކުރުމަށް ބޭނުންވާ ވަޞީލަތްތައްވެސް ނެތްއިރު، ކޯވިޑް-19 އާއި ގުޅުންހުރި ތަފާސް ހިސާބުތައް އާއްމުކުރުމަށްވެސް ބައެއް ޤައުމުތަކުން ދެކޮޅު ހަދައެވެ. އޭގެތެރެއިން އެއް ޤައުމަކީ ޓެންޒިނިއާއެވެ. އާއްމުންގެ މެދުގައި ބިރުވެރިކަން އުފައްދަން ބޭނުންނުވާކަމަށްބުނެ، ދުނިޔޭގެ ގިނަ ޤައުމުތަކާއި ޚިލާފަށް ޓެންޒިނިއާ ސަރުކާރަކުން އެފަދަ މަޢުލޫމާތެއް ޤަވާއިދުން އާއްމެއްނުކުރެއެވެ. ބަދަލުގައި ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު ދޭތެރެއަކުން ހާމަކޮށްލައެވެ.


އެފްރިކާގެ ޤައުމުތަކަކީ ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ބޭނުންވާ ކެމިކަލް ރީއެޖެންޓްސް އެއްވެސް ވަރަކަށް އަމިއްލައަށް އުފައްދާ ޤައުމުތަކައް ނޫނެވެ. ދުނިޔޭގެ ބާޒާރުގައި އެފަދަ ތަކެއްޗަށް އޮތް ޑިމާންޑް ބޮޑުވުމާއެކު އެފަދަތަކެތި ހޯދުން އެފްރިކާގެ ޤައުމުތަކަށް ވަނީ ބޮޑު ގޮންޖެހުމަކަށްވެފައެވެ.

އެފްރިކާ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވާގޮތުން ކުރިއާއި ޚިލާފަށް ދޭދޭ ޤައުމުތަކުގައި މެދުގައި އޮންނަންޖެހޭ ގުޅުން ކުޑަވެ، ބައިނަލްއަޤްވާމީ އެއްބައިވަންތަކަން ކުޑަވުމުގެ ސަބަބުން އެފްރިކާ ބައްރުގެ ޤައުމުތަކަށް ކޮވިޑް-19 ހުރިތޯ ޓެސްޓްކުރުމަށާއި، ބައްޔަށް ބޭސް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އެފްރިކާގެ ބައެއް ޤައުމުތަކުގެ އަތުގައި ފަންޑު ހުރިނަމަވެސް، ދުނިޔޭގެ 70 ޤައުމަކުން ބޭހާއި ޞިއްޙީ ސާމާނު އެކްސްޕޯޓުކުރުން މިވަގުތު ހުއްޓާލާފައިވުމުން، އެފަދަ ތަކެތި ހޯދުމުގައި އެފްރިކާ ބައްރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަން އެ ސެންޓަރުން ފާހަގަކޮށްފައި ވެއެވެ.

ލޮކްޑައުން އިޢުލާންކުރުން ފަދަ ފިޔަވަޅުތަކުގެ ސަބަަބުން ޓެސްޓް ސައިޓްތަކަށް ޢާއްމުންނަށް ދިއުމަށް ހުރަސްއެޅި، ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ކަންކަން ލަސްވަމުންދާކަންވެސް އެ ސެންޓަރުން ފާހަގަކުރެއެވެ. ނަމަވެސް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެފްރިކާސް ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ފާހަގަ ކުރަނީ އެކަށީގެންވާ ވަޞީލަތްތައް ޤާއިމުވެފައި ނެތުމުގެ މައްސަލައެވެ.

އެފްރިކާގެ އެންމެ އާބާދީ ބޮޑު ނައިޖީރިއާއަށް ބަލާލާއިރު، ކޯވިޑް-19 ހުރިތޯ ބަލަން ހަދާ ޓެސްޓްތައް ޕްރޮސެސް ކުރެވިދާނެ 18 ލެބޯރަޓްރީއެއް އެ ޤައުމުގައި އެބަހުއްޓެވެ. ނަމަވެސް އެކަމަށް ބޭނުންވާ ޓެސްޓިންގ އިކުއިޕްމަންޓްސް މަދުކަމުން، އެތަކެތި ހޯދުމަށް އެ ޤައުމުން ވަނީ އެހީތެރިކަމަށް ގޮވާލާފައެވެ.

ކެންޔާއަށްވެސް ވަނީ ކޯވިޑް-19 ޓެސްޓްކުރުމަށް ބޭނުންވާ ޓެސްޓިންގ ކިޓްތަކާއި، ސްވެބްސް އަދި ރީއެޖެންޓްސް ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިއާއެކު އެ ޤައުމުގައި ކޯވިޑް-19 އަށް ޓެސްޓްކުރާ ނިސްބަތްވަނީ ވަރަަށް ބޮޑުތަން ދަށްވެފައެވެ. ކެންޔާ ސަރުކާރުގެ އޮފިޝަލަކާއި ޙަވާލަދީ ބައިނަލްއަޤްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން އެ ޤައުމުގައި މިވަގުތު ހުރީ އެންމެ 5000 ޓެސްޓް ކިޓެވެ. ނަމަވެސް އިތުރު 24 ހާސް ކިޓް ލިބޭނެ ކަމަށް އެ ޤައުމުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުންވެސް، އިންތިހާ ދަރަޖައިގެ ފަޤީރުކަމުގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ ހައިހޫނުކަމާއި ބަލިމަޑުކަމުގެ ސަބަބުންނާއި، އިޖްތިމަޢީ މައްސަލަތަކާއި ސިޔާސީ ނުފޫޒުތަކަކީވެސް ކޯވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެފްރިކާގެ ޤައުމުތަކަށް ކުރިމަތިލާންޖެހިފައިވާ ބޮޑެތި ގޮންޖެހުންތަކެވެ.

މި ހުރަސްތައް ނައްތާލައި، ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެފްރިކަން ޔޫނިއަން އާއި އެފްރިކާ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ގުޅިގެން މިހާރު ވަނީ ޙާއްސަ މަސައްކަތްތަކެއްވެސް ފަށާފައެވެ. މީގެ ބޭނުމަކީ އެފްރިކާގެ ޤައުމުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު ދެނެގަނެ، ބައްޔަށް މީހުން ޓެސްޓްކުރުމާއި، ކޮންޓެކްޓް ޓްރޭސިންގގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމެވެ.

މި މަސައްކަތުގެ ދަށުން ކުރިއަށްއޮތްމަހެއްހާ ދުވަހުގެ ތެރޭގައި މުޅި އެފްރިކާ ހިމެނޭހެން މަދުވެގެން އެއް މިލިއަން މީހުން ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ވަނީ އަމާޒު ހިފާފައެވެ.