އެމެރިކާއިން ރާއްޖޭއަށް 2 މިލިއަން ޑޮލަރުގެ އިޤްތިޞާދީ އެހީ ދޭން ނިންމައިފިއެވެ. އެޤައުމުން މިކަން ހާމަކުރައްވާފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކަށް އެ ޤައުމުން ވެދޭން ނިންމާފައިވާ އެހީގެ ތަފްސީލް ހާމަކޮށް ނެރުނު ބަޔާނެއްގައެވެ.
ދުނިޔޭގެ އެކި ޤައުމުތަކަށް އެމެރިކާއިން ވެދޭން ނިންމާފައިވާ އެހީގެ ތަފްސީލް ހާމަކޮށް ނެރުނު ބަޔާނުގައި އެ ޤައުމުން ވަނީ މި ބަލިމަޑުކަމަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް، ނޭދެވޭ އަސަރުކޮށްފައިވާ ބަލިމަޑުކަމެއްކަން ފާހަގަކޮށްފައެވެ. އެގޮތުން އެންމެ ބޮޑެތި ޤައުމުތަކުން ފެށިގެން ގޮސް އެންމެ ކުދި ޤައުމުތަކާ ހަމައަށްވެސް މިކަމުގައި ވަކި ތަފާތެއް ނެތްކަން އެމެރިކާއިން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިވަގުތު ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑީ އެމެރިކާއަށް ކަމުގައި ވީނަމަވެސް، އިޤްތިޞާދީ ބޮޑު ބާރެއްގެ ގޮތުގައި އޮތް އެމެރިކާއިން މި ދަނޑިވަުގައިވެސް ދުނިޔެއަށް ދޭ އެހީތައް ދަމަހައްޓާނެކަން ވަނީ ހާމަކޮށްފައެވެ.
އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ، ޔޫއެސްއެއިޑްގެ ގޮތުގައި 200 މިލިއަން ޑޮލަރު، ކޯވިޑް-19 އެންމެ ބާރަށް ފެތުރޭ ޤައުމުތަކަށް ޚާއްސަކޮށްފައިވެއެވެ. އަދި އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވަނީ 300 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ.
މީގެ އިތުރުން އިޤްތިޞާދީ ކާރިޘާއެއް ދިމާވެފައިވާ މި ދަނޑިވަޅުގައި އިކޮނޮމިކް ސަޕޯޓް ފަންޑުގެ ދަށުން 150 މިލިއަން ޑޮލަރު ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ހަމަމިއާއެކު ހިޖުރަވެރިންނަށާއި ރެފިއުޖީންނަށް އެހީވުމަށް 130 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ.
އެމެރިކާއިން ދުނިޔޭގެ ގިނަ ޤައުމުތަކަކަށް މި ސްކީމްގެ ދަށުން އެހީވުމަށް ނިންމާފައިވާއިރު، ރާއްޖެ ހިމެނޭހެން އޭޝިއާގެ 26 ޤައުމަކަށް ވަނީ އެހީ ދޭން ނިންމާފައެވެ. މިގޮތުން އިންޑިއާ، މެލޭޝިއާ، ބަންގްލަދޭޝް، ސްރިލަންކާ، ޕާކިސްތާން އަދި ނޭޕާލް ފަދަ ޤައުމުތައް މި ލިސްޓްގައި ހިމެނެއެވެ.
މި އެހީގެ ދަށުން ރާއްޖެއަށް އެމެރިކާއިން ދޭން ނިންމާފައިވަނީ ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ވެދޭ އެހީތެރިކަމެވެ. އެގޮތުން އެމެރިކާގެ އިކޮނޮމިކް ސަޕޯޓް ފަންޑުން 2 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ދިނުމަށް ވަނީ ނިންމާފައެވެ. މި އެހީގެ ދަށުން ކޯވިޑް-19އާ ދެކޮޅަށް އެކުލަވާލާ އުސޫލުތައް އެކުލަވާލުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭނެ މަސައްކަތްތަކަށް އިސްކަން ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މި ކާރިޘާގެ ސަބަބުން އަސަރުކޮށްފައިވާ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރއަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
އެމެރިކާއިން ރާއްޖޭއަށް 2 މިލިއަން ޑޮލަރުގެ އިޤްތިޞާދީ އެހީ ދޭން ނިންމުމުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފަނުވަނީ އެމެރިކާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވާފައެވެ. އެގޮތުން އެ ޤައުމަށް ދިމާވެފައިވާ އުނދަގޫ މި ޙާލަތުގައިވެސް ރާއްޖެއަށް އެހީ ދިނުމަށް ނިންމެވުމަކީ އެމެރިކާގެ ސަރުކާރުން ރާއްޖެއަށް ދޭ އަހަމިއްޔަތުކަން ހާމަވާ ކަމެއްކަމަށެވެ. ފޮރިން މިނިސްޓަރ ވަނީ ރާއްޖެއަށް ބޭނުންޖެހިއްޖެ ކޮންމެ ޙާލަތެއްގައިވެސް އެމެރިކާއިން އިތުބާރު ހިފޭ ބައިވެރިއެއްގެ ގޮތުގައި އޮތްކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އެމެރިކާއިން ރާއްޖޭއަށް 2 މިލިއަން ޑޮލަރުގެ އިޤްތިޞާދީ އެހީ ދޭން ނިންމާފައިވާއިރު، ޔުނިސެފާއި ރެޑް ކްރެސެންޓް މެދުވެރިކޮށް، ޖާޕާނު ސަރުކާރުންވެސް ވަނީ ރާއްޖެއަށް 8.4 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން އިންޑިއާ، ބަނގްލަދޭޝް، ޗައިނާ ފަދަ ޤައުމުތަކުންވެސް ރާއްޖެއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.