ކޯވިޑް-19 އާއި ދެކޮޅަށް މުޅި ދުނިޔެ ކުރާ ހަނގުރާމައިގައި މެލޭރިއާފަދަ ނުރައްކާތެރި ބަލިތައް ނައްތާލުމަށް މިވަގުތު ސަމާލުކަން ކުޑަކޮށްގެންނުވާނެކަމަަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯއިން ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ މެލޭރިއާ ދުވަހާއި ގުޅުވައިގެން ޑަބްލިއު.އެޗް.އޯއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން މެލޭރިއާއަށް ފަރުވާދިނުމުގެ ކަންކަން ހުއްޓުމަކަށް އަތުވެއްޖެނަމަ، ސަބް-ސަހާރަން އެފްރިކާގަައި މެލޭރިއާ ޖެހިގެން މަރުވާ މީހުންގެ އަދަދު ދެގުނަ އިތުރުވެދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.
ސަބް-ސަހާރަން އެފްރިކާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ފަޤީރު ޤައުމުތައް ގިނަ ސަރަޙައްދެވެ. އަދި މެލޭރިއާގެ ނުރައްކާ އެންމެ ބޮޑަށް ފެތުރިފައިވާ ޤައުމުތައްވެސް ގިނައީ އެ ސަރަޙައްދުގައެވެ. މެލެރިއާޖެހިގެން އަހަރެއްގެ މައްޗަށް ރިޕޯޓްކުރާ ކޭސްތަކާއި މި ބަލީގައި މީހުން މަރުވާ މީހުންގެ 90 އިންސައްތަ ނިސްބަތްވަނީ އެފްރިކާގެ ފަޤީރު ޤައުމުތަކަށެވެ.
ކޯވިޑް-19ގެ ނުރައްކާ މިހާރު އެފްރިކާގެ ފަޤީރު ޤައުމުތަކާއި ހިސާބަށް ފޯރާފައިވާއިރު، އެކަމުގެ ސަބަބުން ސަބް-ސަހާރަން އެފްރިކާގެ 41 ޤައުމެއްގައި މެލޭރިއާ ފެތުރުން ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތައް މެދުކެނޑި، މެލޭރިއާ ޖެހޭ މީހުންގެ އަދަދާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ހިނގައިދާނެކަމަށް ޑަބްލިއު.އެޗް.އޯއިން ވަނީ ހާމަކޮށްފައެވެ.
އެފްރިކާގެ ފަޤީރު ޤައުމުތަކުގައި ކޯވިޑް-19 ގެ ސަބަބުން މެދުވެރިވެދާނެ އެންމެ ގޯސް ހާލަތުގައި، މަދިރީގެ ސަބަބުން ފެތުރޭ މެލޭރިއާ ނައްތާލުމަށް ހިންގާ އިންސެކްޓިސައިޑް ޓްރީޓެޑް ނެޓް ނުވަތަ އައި.ޓީ.އެން ކެމްޕޭއިން ހުއްޓި، އެންޓި-މެލޭރިއަލް ބޭސް ފޯރުކޮށްދިނުމާއި، އެނޫންވެސް ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތަކާއި، ވަޞީލަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް 75 އިންސައްތަ ދަށްވެދާނެކަމަށް ޑަބްލިއު.އެޗް.އޯއިން ވަނީ ލަފާކޮަށްފައެވެ. އަދި މިކަމުގެ ސަބަބުން ހަތްލައްކަ ފަސްދޮޅަސް ނުވަ ހާސް މީހުން މަރުވެދާނެކަމަށް އެ ޖަމިއްޔާއިން ލަފާކޮށްފައިވެއެވެ. މިއީ 2018 ވަނަ އަހަރު މެލޭރިއާ ޖެހިގެން އެ ސަރަހައްދުން މަރުވި މީހުންނާއި އަޅާބަލާއިރު، ދެ ގުނަ އިތުރު ޢަދަދެކެވެ.
ދުނިޔޭގެ ނިސްބަތުން ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ސަބް-ސަހާރަން އެފްރިކާގެ ޤައުމުތަކުގައި މަދުވިނަމަވެސް، ކޮންމެ ހަފްތާއަކުން އެ ޢަދަދުތައް އިތުރުވަމުންދާކަން ޑަބްލިއު.އެޗް.އޯއިން ފާހަގަކޮށްފައިވެއެވެ. މިއާއެކު، މެލޭރިއާ ނައްތާލުމަށް ކުރާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމުގެ ފުރުޞަތު އެ ޤައުމުތަކަށް ވަރަށް ބޮޑަށް ހަނިވަމުންދާކަން ފާހަގަކޮށް ލިބިފައިވާ ހަނި ފުރުޞަތުގެ ތެރެއިންވެސް މެލޭރިއާއާއި ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި އެކަން ކުރުމުގައި ކޯވިޑް-19ގެ ނުރައްކާ ޞިއްޙީ މަސައްކަތްތެރިންނަށާއި މުޖުތަމަޢުއަށް ވީހާވެސް ކުޑަވާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެ ޤައުމުތަކަށް ގޮވާލާފައިވެއެވެ.
ޑަބްލިއު.އެޗް.އޯގެ ރިކޯޑްތައް ދައްކާގޮތުން މެލޭރިއާޖެހިގެން މަރުވާ މީހުންގެ ނިސްބަތް 2000 ވަނަ އަހަރާއި 2014 ވަނަ އަހަރާއި ދެމެދު ހަތްލައްކަ ސާޅިސް ތިން ހާހުން ހަތަރު ލައްކަ ސާޅިސް ހަ ހާހަށް ވަނީ ދަށްކުރެވިފައެވެ. އެއީ 40 އިންސައްތައިގެ ދަށްވުމެކެވެ. އެހެންނަމަވެސް 2014 ވަނަ އަހަރުން ފެށިގެން 2018 ގެ ނިޔަލަށް މެލޭރިއާ ފެތުރުން ކޮންޓްރޯލްކުރުމުގައި މާބޮޑެތި ކުރިއެރުންތަކެއް ހޯދިފައިނުވާކަން ޑަބްލިއު.އެޗް.އޯއިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މުޅި ދުނިޔެ ބޮޑު ޞިއްޙީ ބަލިމަޑުކަމެއްގެ ތެރެއަށްވެއްޓިފައިވާ މި ދަނޑިވަޅުގައި، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތާއެކު މެލޭރިއާ ފަދަ ނުރައްކާތެރި ބަލިތަކުގެ މަތިން ހަނދާން ނައްތައި ނުލުމަށް ޑަބުލިޔުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.