ޚަބަރު

އެމެރިކާގެ މިނާޕޮލިސް ސިޓީގައި ބަންގީގެ އަޑު ގުގުމާލައިފި


ބަންގީގެ އަޑަައަކީ ސަތޭކަ ޕަސަަންޓު މުސްލިމް ޤައުމުތަކުގައި އާންމު އަޑެކެވެ. ނޫނީ މުސްލިމް މެޖޯރިޓީ ޤައުމުތަކުގައިވެސް ބަންގީގެ އަޑު އެއީ އާންމު އަޑެކެވެ. ނަމަވެސް އެމެރިކާ ފަދަ ޤައުމުތަކުގައި ބަންގީގެ އަޑަކީ އެހާ ފާޅުކަން ބޮޑުކޮަށް ބާރަށް އިވޭ އަޑުތަކެއް ނޫނެވެ. ހާއްސަކޮށް ބޮޑެތި ސިޓީތަކުގައި ބަންގި ގޮވާނީ އެހާ ބާރަކަށްވެސް ނޫނެވެ.

ނަމަވެސް ބުރާސްފަތިދުވަހު ވަނީ އެމެރިކާގައި މިކަމަށް ބަދަލެއް އައިސްފައެވެ. ތާރީހުގައިވެސް އެމެރިކާގެ ބޮޑު ސިޓީއެއްގައި ބަންގީގެ އަޑު ގުގުމާލާފައެވެ. މިނެސޯޓާގެ އެންމެ ބޮޑު ސިޓީ، މިނާޕޮލިސްގެ ސީޑާ-ރިވަސައިޑް ގައި ހުންނަ ދާރް އަލް-ހިޖާރް މިސްކިތުން ބަންގީގެ އަޑު ގަދަޔަށް އިވިގެން ދިޔައީ އެސަރައްހަދުގެ މުސްލިމުން ރޯދަމަހަށް ތައްޔާރުވަމުން ދިޔަ ވަގުތާ ދިމާކޮށެވެ.

ބުރާސްފަތި ދުވަހަށް ފަހު އަނެއްކާވެސް ހުކުރު ދުވަހު ފަތިސް ނަމާދުގެ އަޑުވެސް މިމިސްކިތުން ވަނީ މުޅި ސަރައްހަދަށް ބްރޯޑްކާސްޓް ކޮށްފައެވެ. އަދި މިމިސްކިތުން ރޯދަމަހުގެ ހުރިހާ ނަމާދު ގަޑިއެއްގައި ބްރޯޑްކާސްޓް ކުރާނެއެވެ.

މިއީ އެމެރިކާގެ ތާރީގުގައިވެސް ބޮޑު ސިޓީއެއްގައި މިހާ އަޑުގަަދަކޮށް ބަންގީގެ އަޑު އިވުނު ފުރުތަމަ ފަހަރުކަމަށް މިސަރަހައްދުގައި އުޅޭ މީހުން ބުނެއެވެ.

އާންމުކޮށް މެދުއިރުމަތިއާއި، އެފްރިކާ އަދި އޭޝިއާގެ ޤައުުމުތަކުގައި ނަމާދުގެ އަޑަކީ އާއްމު އަޑެކެވެ. ނަމަވެސް އެމެރިކާގައި އުޅޭ މުސްލިމުންނަށް ބަންގީގެ އަޑު މިހާ އިވޭނީ ހަމައެކަނި މިސްކިތްތައް ކައިރިންނާއި މުސްލިމް ކޮމިއުނިޓީ ސެންޓަރުތަކުންއެވެ.

.ދާރް އަލް-ހިޖާރް މިސްކިތުގެ އިމާމް އަބްދުއްސަލާމް އާދަމް ބުނީ މިއީ މިސަރަހައްދުގެ މުސްލިމުން ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި މިއީ އެމީހުންނަށް ތަރީހީ ކަމެއްކަމަށެވެ. އޭނާ ބުނީ މިރޯދަމަހު މުސްލިމުންނަށް އެތައް ކަމެއް ޤުުރުބާން ކުރަންޖެހިފައިވާއިރު، ބަންގީގެ އަޑު މިހެން ގޮވަން ފެށުމުން މިއީ އެމީހުންނަށް ހިތްހަމަ ޖެހުން ލިބޭނެކަމެއްކަމަށް އުންމީދުކުރާކަމަށެވެ.

މިނެސޯޓާ ކައުންސިލް އޮން އެމެރިކަން އިސްލާމް ރިލޭޝަންސްގެ އެގްޒެކެޓިވް ޑިރެކްޓަރ ޖޭލާނީ ހުސެން ބުނީ ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ނަމާދު ގަޑިތަކުގައި މެނާޕޮލިސްގެ ސީޑަ-ރިވާރސައިޑްގެ އެތަސް ހާސް ބަޔަކަށް އިވޭ ގޮތަށް އެސިޓީގެ އެކި މިސްކިތަކުގެ އިމާމުން ގޮވާ ބަންގި ބްރޯޑްކާސްޓް ކުރާނެކަމަށެވެ.

އޭނާ ބުނީ ބާރަށް ބަންގި ގޮވާ އަޑު ބްރޯޑްކާސްޓުކުުރުމަކީ ކުރީއްސުރެން މަޝްވަރާކުރެވެމުން އައި ކަމެއް ކަމަށެވެ. ނަމަވެސް މިއަހަރު ކޯވިޑް-19އާ ގުޅިގެން މިސަރަހައްދުގެ މުސްލިމުން ގިނަ ކަންކަމުން މަހްރޫމްވެފައިވާތީ އެމީހުންގެ ހިތްހަމަޖައްސައިދިނުމަށް މިކަން ކުރަން ނިންމީކަމަށެވެ.

އެމެރިކާގައިވެސް ކޯވިޑް-19އާ ގުޅިގެން ވަނީ މިސްކިތްތަކުގައި އާންމުކޮށް އެއްވެ ނަމާދުކުރުން ހުއްޓާލާފައެވެ. އެހެންކަމުން ބޭނުންވީ އެކުގައި ނަމާދު ނުކުރެވުމުން މާޔޫސްކަން އިހުސާސްވެފައިވާ މުސްލިމުންގެ ހިތްތަކަށް ކޮންމެސް ވަރެއްގެ ހިތްހަމަޖެހުމެއް ގެނެސް ދިނުމަށްކަމަށް ހުސެން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް މިވަނީ ޖަމާއަތުގައި ނަމާދުކުރުމާއި، އެހެނިހެން ހަރަކާތްތައް ބޭއްވުމުން ހުއްޓާލަން މަޖުބޫރުވެފައެވެ. މީގެއިތުރުން މިސްކިތްތަކުގައި ތަރާވީސް ކުރުންވެސް މިވަނީ ހުއްޓާލާފައެވެ. ގިނަ ޤައުމުތަކުގައި ފުރަބަންދު ޤާއިމްކޮށްފައިވުމުން ގިނަމީހުން ތަންތަނަށް އެއްވެ އާންމުކޮށް ބާއްވާ ރޯދަވީލުންތަކާއި، ހާރު ކެއުމުގެ ހަރަކާތްތައްވެސް މިއަހަރު ނުބާއްވައެވެ.