ޚަބަރު

ކޯވިޑް-19 : ދެކުނު ކޮރެއާގެ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެ


ކޯވިޑް-19ގެ މި ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށް ދެކުނު ކޮރެއާގެ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެއެވެ.

މި އެހީތެރިކަމަށް އެދިފައިވަނީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކޮރެއާގެ ފޮރިން މިނިސްޓަރު ކަން ކިއުންގް ވާއަށް ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. މި ފޯން ކޯލުގައި މިނިސްޓަރު ޝާހިދު ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމަށް އަލިއަޅުއްވާލައްވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ އެހީގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. ދެކުނު ކޮރެއާއަކީ ރާއްޖެއަށް ޒަމާނުއްސުރެވެސް ގިނަ އެހީތަކެއް ވެދެމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވަނީ މި ދަނޑިވަޅުގައިވެސް އެ ޤައުމުން އެހީތެރިކަން ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.

ރާއްޖެއާއި ދެކުނު ކޮރެއާ އާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ، 30 ނޮވެމްބަރ 1967ގައެވެ. މި ގުޅުން ޤާއިމުކުރިފަހުން އެޤައުމުން ރާއްޖެއަށް ވަނީ ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އިޤްތިޞާދީ އެހީތެރިކަމާއި، ސަޤާފީގޮތުން ދެ ޤައުމު ގުޅިގެން މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

ދެކުނު ކޮރެއާގެ އެހީތެރިކަމަށް ރާއްޖެއިން އެދިފައިވާއިރު، މިހާތަނަށް ގިނަ ގައުމުތަކުން ވަނީ ކޮވިޑް-19އާއި ގުޅިގެން ރާއްޖެއަށް އެހީވެފައެވެ. އޭގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، ޗައިނާ ފަދަ ޤައުމުތައް ހިމެނެއެވެ.