ޚަބަރު

ކޯވިޑް-19 : ކާޑުގެ ބާވަތްތަކުގެ ދަތިކަމެއް ނާންނާނެކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފި


ކާޑުގެ ބާވަތްތަކުގެ ރަނގަޅު ސްޓޮކެއް އެބަހުރިކަމަށާ، ކާޑުގެ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަމުގެ އެސްޓީއޯއިން ދީފިއެވެ. އެސްޓީއޯގެ މެނޭޖިނގް ޑިރެކްޓަރ ޙުސައިން އަމްރު ވަނީ ކުރިއަށްއޮތީ ރަމަޟާން މަހަށްވުމާއެކު ކާޑުގެ ބާވަތްތަކަށް ޑިމާންޑު އިތުރުވެގެންދާނެ މިންވަތަށް އެސްޓީއޯ ތައްޔާރުވެފައިވާކަން ހާމަކުރައްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ކުރިއަށްގެންދާ ލައިވް ކަވަރޭޖްގެ ތެރެއިން ވާހަކަފުޅުދައްކަވަމުން، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން އަމްރުވަނީ މިޙާލަތުގައި ރާއްޖެއަށް ދިމާވެފައިވާ އުނދަގޫތަކުން ޙައްލުހޯދައިދިނުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

މިދުވަސްވަރު އަދި ވަކިން ޚާއްސަކޮށް ކުރިއަށް އޮތީ ރަމަޟާން މަސްކަމުން ކާޑުގެ ބާވަތްތަކުގެ ރަނގަޅު ސްޓޮކެއް މިހާރު ގެނެސްފައިވާކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް މާލޭގައި ހުރި އެސްޓީއޯގެ ހުރިހާ ގުދަންތަކެއް ފުރިފައިވާއިރު، ހުޅުމާލޭގައި ކޮންސްޓރަކްޝަން ވެއަރހައުސްއެއް ހުސްކޮށް މިތަން ގުދަންކުރުމަށް ބޭނުންކުރަމުންދާކަމަށް ވިދާޅުވިއެވެ. މިގުދަންވެސް ފުރުމާއި ގާތްވެފައިވާއިރު، މިހާރުވެސް އެމްޕީއެލްއިން ކްލިއަރ ނުކުރެވި 100އަށް ވުރެ ގިނަ ކޮންޓެއިނަރުގެ ޒަރޫރީ ކާޑުގެ ބާވަތްތައް އެބަހުރިކަމަށް އަމްރު ވިދާޅުވިއެވެ. މިދަނޑިވަޅުގައިވެސް މި ކޮންޓެއިނަރުތައް ކްލިއަރކުރުމަށް އެސްޓީއޯގެ މުއައްޒަފުން 24ގަޑިއިރު މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވިއެވެ.

"ސްޓޮކް އިތުރު ކުރެވިއްޖެ. މާލޭގައި ހުރި މިހާރު ހުރީ ފުރިފައި. 100 އަށް ވުރެ ކޮންޓެއިނަރު އެބަހުރި. ފިޔާ އަލުވި ބިސްވެސް އެބަ ހުރި. މީގެ އިތުރުން ހުޅުމާލެ ކޮންސްޓރަކްޝަން ވެއަރހައުސް ހުސްކޮށް ސާފުކޮށް އެތަން ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން މިދަނީ. މިހާރު އެތަންވެސް އެބަ ފުރޭ."

އެސްޓީއޯގެ މެނޭޖިނގް ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި އެސްޓީއޯއިން ކާޑުގެ ބާވަތްތައް ހުސްވެ ރާއްޖެ ބަނޑަށް ޖެހިދާނެކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ޚަބަރުތައްކަމަށާއި، މި ދަނޑިަވަޅުގައި ސައްޙަ މަޢުލޫމާތު ހޯދުމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ގޮވާލެއްވުއެވެ. އެސްޓީއޯގެ ސްޓޮކްގެ މަޢުލޫމާތު ހޯދުމަށް އެ ކުންދުނިން ޤާއިމުކޮށްފައިވާ ހޮޓްލައިންތަކަށް ގުޅައިގެން މަޢުލޫމާތު ހޯދުމަށް ގޮވާލެއްވިއެވެ.