މިރޭ ރަސްމީ ފުޓްބޯޅަ ދަނޑުގައި އޮތް މިނިވަން
ފަންސާހުގެ ހެވިކަމާއި ކުޅިވަރުތައް ބަލަން ދައުވަތު ދިން ބައެއް ފަރާތްތަކަށް ދަނޑަށް
ނުވަދެވުނީ ފޭކް ފާސްތަކެއް ހައްދައިގެން ބަޔަކު ދަނޑަށް ވަދެފައިވާތީކަމަށް ހޯމް
މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ހޯމް
މިނިސްޓަރގެ ނާއިބް އަހުމަދު ސަލީމް ވިދާޅުވީ، ހޯމް މިނިސްޓްރީގެ ތައްގަނޑު ނުޖަހާ
ފޭކު ފާސްތަކެއް ހައްދައިގެން ބަޔަކު ދަނޑަށް ވަނުމުގެ ސަބަބުން ދައުވަތު ދީގެން
ވަޑައިގަތް ބައެއް ބޭފުޅުންނަށް ދަނޑަށް ނުވަދެވުނީތީ އެކަމާ ހިތާމަކޮށް އެފަރާތްތަކުގެ
ކިބައިން މާފަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި މިކަހަލަ ކަމެއް
މެދުވެރިވެދާނެކަމަށް އެމިނިސްޓްރީން އުންމީދުވެސް ނުކުރާ ކަމަށާއި ފޭކު
ފާސްތަކުގައި ދަނޑަށް ވަނުމުގެ ސަބަބުން ދައުވަތު އެރުވިފައިވާ ބައެއް
ފަރާތްތަކަށް ނުވަދެވެނީސް ދަނޑު ފުރިފައިވާތީކަމަށް ސަލީމް ވިދާޅުވިއެވެ.