ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި މާލޭގައި މަގުމަތިވެފައިވާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންންވެ.
މިކަން ހާމަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ވަގުތު މާލޭގައި މަގުމަތިވެފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީ ވަގުތީ ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމް އިމާދުއްދީން ސްކޫލުގައި ވަނީ ހަމަޖައްސާފައެވެ. މިހާތަނަށް އައިރު މިގޮތުން ފާހަގަކުރެވުނު 24 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ. މީގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނެއެވެ.
މި މަސައްކަތް ކުރަމުންދަނީ މިނިސްޓީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
މި ދަނޑިވަޅުގައި އާންމުންނަށް ދިމާވާ އުނދަގޫތަކަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލޭގައި ދިރިއުޅޭ މީހުންނަށް ލޮކްޑައުންގެ ހާލަތުގައި ޑެލިވަރީގެ ޚިދުމަތް ލިބޭނެ ގޮތާއި، ޒަރޫރީ ބޭނުންތަކަށް ދަތުރުފަތުރުކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. މާލެއިން ކޯވިޑް-19ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ވަނީ ލޮކްޑައުން ހާލަތަކަށް ގެނެސްފައެވެ. އެހެންކަމުން ކޮންމެހެން މަސައްކަތް ކުރަންޖެހޭ އޮފީސްތައް ފިޔަވާ އެހެން އޮފީސްތައް ބަންދުކޮށް އާންމުންނަށް ގެއިން ބޭރަށް ނުކުތުމާއި މާލޭގައި ދަތުރުފަތުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ.