ސްރީލަންކާއާއި އިންޑިއާއަށް ފޮނުވި ކެއަރޕެކޭޖްތަކުގެ 90 އިންސައްތަ ޕެކޭޖް އާއިލާތަކަށް ހަވާލުކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.
ކޯވިޑް-19 އާ ގުޅިގެން މިސަރަހައްދުގެ ބައެއް ޤައުމުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން، ޒަރޫރީ ބައެއް ތަކެތި ހޯދުމަށް ދަތިވެފައިވާ ދިވެހި އާއިލާތަކަށް އެހީތެރިވެދިނުމަށް ސަރުކާރުން ވަނީ ކެއަރ ޕެކޭޖް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައި މި މަސައްކަތް ފަށާފައެވެ. އެގޮތުން މިއަދުގެ ނިޔަލަށް ލަންކާއަށް ފޮނުވި 622 ޕެކޭޖްގެ ތެރެއިން 560 އަށްވުރެ ގިނަ ޕެކޭޖް އާއިލާތަކަށް ރައްދުކޮށްދީފައި ވެއެވެ. ބާކީ ހުރީ ލަންކާއަށް ޕެކޭޖްތައް ފޮނުވި ފަހުން، އެޕެކޭޖާއި ހަވާލުވާން ޖެހޭ އާއިލާ މާލެއަށް އައިސްފައިވާ ޕެކޭޖްތަކާއި، ހައިކޮމިޝަނުން ގުޅަން މަސައްކަތްކޮށްގެން ނުގުޅުނު އާއިލާތަކާއި ހަވާލުކުރަން ޖެހޭ ބައެއް ޕެކޭޖްތަކެއް ކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.
ސްރީލަންކާގައި ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ އެކި ސަރަހައްދުތަކުގައި ފުލުހުން ޗެކް ޕޮއިންޓްތައް ވަނީ ގާއިމްކޮށްފައެވެ. އަދި ޕެކޭޖްތައް ގެންދާ ވެހިކަލްތައް މިއިން ކޮންމެ ޗެކް ޕޮއިންޓެއް ކައިރިއަށް މަޑުކޮށް، މުޅި ވެހިކަލް ޗެކް ކުރަން ޖެހެއެވެ. އެހެންކަމުން ލޮކްޑައުންގެ ޙާލަތުގައި އޮތް ސިޓީއެއްގައި މި ޚިދުމަތް ދިނުމުގައި އުއްމީދުކުރި ވަރަށް ވުރެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިިވާކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި ބައެއް ޕެކޭޖްތައް ގެންދަން ޖެހޭ ގެތަކަކަކީ ހަނި މަގުތަކާ ގޯޅިތަކުގައި ހުންނަ ގެތައް ކަމުން، އެތަކެތި ގޭގެއަށް ފޯރުކޮށްދިނުމުގައި އިތުރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
އިންޑިއާގެ ޓްރިވެންޑްރަމް އަށް ފޮނުވި 79 ޕެޖޭކްގެ ތެރެއިން މިއަދާއި ހަމަޔަށް ޑެލިވަރ ނުކުރެވި ހުރީ 2 ޕެކޭޖެވެ. ޓްރިވެންޑްރަމްއަށް ދިޔަ ފްލައިޓްގައި އެސިޓީއަށް ފޮނުވި 79 ޕެކޭޖްގެ އިތުރުން ކޮޗިންގައި ތިބި އާއިލާތަކަށް 65 ޕެކޭޖް ފޮނުވާފައިވެއެވެ. ކޮޗިންއަށް ފޮނުވި ޕެކޭޖްތައް ޓްރިވެންޑްރަމްއިން ކޮޗިންއަށް ގެންދިޔުމަށް ބޭނުންވާ ހުއްދަތައް ހޯދައިގެން، ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްއިން ވަނީ މިހާރު އެތަކެތި ކޮޗިންއަށް ގެންގޮސްފައެވެ. އިންޑިއާގެ ކެރެލާ ސްޓޭޓްވެސް އޮތީ ލޮކްޑައުންގައި ކަމުން ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ގެންދިޔަ ޕެކޭޖްތައްވެސް ގޭގެއަށް ގެންގޮސްފައިވަނީ އެކަމަށް ބޭނުންވާ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ދިރުއުޅޭ ދިވެހި އާއިލާތަކަށް ފޮނުވި 452 ކެއަރޕެކޭޖްތަކުގެ ތެރެއިން 250 ޕެކޭޖް މިހާރު ވަނީ އާއިލާތަކާ ހަވާލުކޮށްފައެވެ. ބާކީ ހުރި 202 ޕެކޭޖް ހަވާލުކުރުމުގެ މަސައްކަތް ހައިކޮމިޝަނުން ދަނީ ކުރަމުންނެވެ. މެލޭޝިއާގައި އިއުލާންކޮށްފައިވާ "އެންހޭންސްޑް މޫވްމަންޓް ކޮންޓްރޯލް" އޯޑަރގެ ދަށުން ތަކެތި ޑެލިވަރ ކުރެވެނީ ހެނދުނު 8:00 އާ ރޭގަނޑު 8:00 ދެމެދު އެކަންޏެވެ. އަދި ހައިވޭތަކާއި މަގުތަކުގައި ޗެކް ޕޮއިންޓްތައް ޤާއިމްކޮށްފައި ވުމުން ބައެއް ޗެކްޕޮއިންޓްތަކުގައި ބައިގޑިއިރާ ދެގަޑިއިރާ ދެމެދުގެ ވަގުތެއް މަޑުކުރަން ޖެހެއެވެ. މިގޮތަށް ބައެއް ފަހަރު ވެހިކަލް 2 ނުވަތަ 3 ޗެކްޕޮއިންޓްގައިވެސް މަޑުކުރަން ޖެހެއެވެ. މެލޭޝިއާގައި ދިރިއުޅޭ އާއިލާތަކަށް ފޮނުވި ކެއަރޕެކޭޖްތައް ހަވާލުކުރުމަށް ބައެއް ފަރާތްތަކަށް ގުޅާއިރު ފޯނު ނުނެގުމުން ނުވަތަ ނިއްވާލާފައި އޮތުމުން އެތަކެތި ހަވާލުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.
ދަތިތަކާއެކުވެސް ސަރުކާރުން ދަނީ ލަންކާއަށާ އިންޑިއާ އަދި މެލޭޝިއާއަށް ފޮނުވި ކެއަރޕެކޭޖްތައް ވީއެންމެ އަވަހަށް އާއިލާތަކަށް ރައްދުކުރުމަށް މަސައްކަތްކުރަމުންނެވެ. މި ޚިދުމަތަކީ ސަރުކާރުން ހިލޭ ފޯރުކޮށްދޭ ޚިދުމަތެކެވެ. އަދި ރާއްޖެއަކީ ކޮވިޑް-19 އާ ގުޅިގެން މިގޮތަށް ބޭރުގައި ތިބި އެޤައުމުގެ ރައްޔިތުންނަށް ކެއަރޕެކޭޖް ފޮނުވާ ފުރަތަމަ ޤައުމެވެ.