ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓްރެވަލް އެޖެންސީތަކަށް ދިމާވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް މަސައްކަތް ފަށާފައިވާކަމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ) އިން ބުނެފިއެވެ.
އާޓާއަކީ ރާއްޖޭގެ ގިނަ ޓްރެވަލް ކުންފުނިތަކެއް ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އާޓާއިން ބުނީ މި ދަނޑިވަޅުގައި ޓްރެވެލް ކުންފުނިތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ފަށާފައިވާކަމަށެވެ.
ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. އާޓާއިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ޓްރެވަލް ކުންފުނިތަކުގެ ހިއްސާ ބޮޑުކަމަށެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި އެ ފަރާތްތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެއްކަމަށެވެ.
ކޯވިޑް19 އާއި ގުޅިގެން މިހާރު ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލައި ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު 37 އިންސައްތަ އާއި 50 އިންސައްތަ އާ ދެމެދުގެ ޢަދަދަކަށް ދަށަށް ދާނެކަމަށް މިހާރު ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ. އަދި މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯދައިދީ ރާއްޖޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތައް ކުޑަކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.