މިއަހަރު ބާއްވާ ވަރލްޑް ޓްރެވަލް އެވޯޑްސްގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ހަފްލާ ބާއްވަނީ މި އެވޯޑު މިމަހުގެ 27ގައި ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
1993 ވަނަ އަހަރު ދޭން ފެށި، މި ޝަރަފުވެރި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގައި ފާހަގަކޮށްލެވޭ މުހިންމު އެވޯޑެކެވެ.
ބީއެމްއެލްއިން ވިދާޅުވީ ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީގެ ސިނާއަތުގައި ހަރަކާތްތެރިވާ 40 އަށް ވުރެ ގިނަ ގައުމުގެ އިސް މަންދޫބުން ބައިވެރިވާ މި ޝަރަފުވެރި ހަފްލާ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަފުލާގައި ބައިވެރިވުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. މި ހަފްލާ އެންމެފަހުން ރާއްޖޭގައި ބާއްވާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ.
މި ހަފްލާގައި ދުނިޔޭގެ މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސްވެރިންނާއި، ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުތަކުގެ މަންދޫބުންގެ އިތުރުން، މި ދާއިރާގެ އިންވެސްޓަރުންނާއި، އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކާއި ބައިނަލްއަގުވާމީ ޓްރެވަލް މީޑިއާތަކުން ބައިވެރިވާނެއެވެ.
ބީއެމްއެލް އާއި ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް، ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ބީއެމްއެލްއަށް ފަހިވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، މި ސިނާއަތުގެ ވިޔަފާރިތަކާއި ހިއްސާދާރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ބައިވެރިވުމެއްކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.