ޚަބަރު

ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރަން އެސްޖޭއަށް


  • މަސް ޕްރޮސެސްކުރާނެ ޚާއްސަ ސަރަޙައްދެއް ހިމެނޭނެ

  • 10 ޓަނުގެ ބްލާސްޓް ފްރީޒަރަކާއެކު މުހިންމު ގިނަ ޚިދުމަތްތަކެއް ހިމެނޭ

ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާއިން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހިރިލަންދޫގައި މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި މަޝްރޫއުގައި ހިމެނެނީ 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމެއްގެ އިތުރުން މަސް ޕްރޮސެސްކުރާނެ ޚާއްޞަ ސަރަޙައްދެއް ހިމެނެއެވެ. މީގެ އިތުރުން ކޮމްޕްރެސަރ ރޫމްއަކާއި ކަރަންޓު ވިއުގައާއި ބެކަޕް ޖަނަރޭޓަރާއި، އަލިފާނުން ރައްކާތެރިވުމުގެ ނިޒާމާއި، އީއެލް.ވީ ނިޒާމުތައް އެޅުމާއެކު، އިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައްކޮށް ސައިޓް އެއްކޮށް ތަރައްޤީކޮށް ނިންމުން ހިމެނެއެވެ. މަސްވެރިިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ މަސް ގަނެ، މަހުގެ އެކި އުފެއްދުންތައް ތައްޔާރު ކުރަމުންދާ މި ރަށުގައި، ބާނާ މަސް ގިނަ ދުވަހަށް ތާޒާކަންމަތީ ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ މިހާރު ނުހަނު ބޭނުންތެރިވެފައިވާ ކަމެއްކަމަށެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، މަސްވެރިން ބާނާ މަހަށް އެކަށީގެންވާ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، "ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުން ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތާއެކު ކޮމާޝަލް މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ތ. ހިރިލަންދޫއަކީ 1,146 މީހުންގެ އާބާދީއެއް އޮތް، މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރަށަކަށްވާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެވްރެޖްކޮށް ދުވާލަކު 30 ޓަނުގެ މަސް އެ ރަށަށް ބާލައެވެ. އަދި މަސްވެރިކަން ރަނގަޅު މޫސުންތަކުގައި މި އަދަދު 50 ޓަނަށްވުރެ މައްޗަށް އަރާއިރު، މިހާރުވެސް އެ ރަށުގެ 10 އަށްވުރެ ގިނަ ފަރާތަކުން އަންނަނީ މަސް ކެއްކުމާއި، ހިއްކުމާއި، އަދި މަހުގެ އެކި އުފެއްދުންތައް ތައްޔާރުކުރުމުގެ މަސައްކަތް އަމަލީގޮތުން ކުރަމުންނެވެ.

މި ރަށުގައި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަކީ ރަށުގެ އިގްތިސާދަށާއި މަސްވެރިންނަށް ނުހަނު ބޮޑު މަންފާއެއް ކުރާނެ ކަމެކެވެ. އެގޮތުން، މަސް ބާނާ ވަގުތުން ފެށިގެން އޭގެ ތާޒާކަން ގެއްލުނަނުދީ ގިނަ ދުވަހު ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހުމުގެ ސަބަބުން، މަސް ކައްކާ ހިއްކާ ފަރާތްތަކަށް މެދުކެނޑުމެއްނެތި މަސް ލިބި، އުފެއްދުންތެރިކަން އިތުރުކުރުމަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ. މީގެ އިތުރުން، ބާނާ މަސް އުކާލަން ނުޖެހި، ރައްކާކުރެވޭނެ ނިޒާމެއް ގާއިމުވުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ނަފާ ފުރިހަމައަށް ހޯދުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.