ޚަބަރު

ވަރަ އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


  • "ވަރަ އެކްސްޕޯ 2026" ކުރިއަށްދާނީ ނޮވެންބަރު 26-28 އަށް

  • އެކްސްޕޯގައި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުޞަތުތަކެއް

އަންނަ ނޮވެމްބަރު މަހު ބާއްވާ މިއަހަރުގެ ވަރަ އެކްސްޕޯގެ އޮފިޝަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ޕީއެސްއެމްއާ ދެމެދު ސޮއިކޮށްފައިވަނީ މިއަދު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ދާޙިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. ޢަބްދުﷲ ނަޒީރުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމިންއެވެ. މި އެއްބަސްވުމުގެ ދަށުން މިއަހަރުގެ ވަރަ އެކްސްޕޯގެ މަޢުލޫމާތާއި ޚަބަރުތައް ރައްޔިތުންނާ ހަމައަށް ފުޅާ ދާއިރާއެއްގައި ގެނެސްދިނުމުގައި ޕީއެސްއެމް އޮފިޝަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުމެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ، ފާއިތުވި 3 އަހަރު ވަރަ އެކްސްޕޯގެ މަޢުލޫމާތުތައް ޕީއެސްއެމްއިން ވަރަށް ފުރިހަމަކަމާއެކު ގެނެސްދީފައިވާކަމަށެވެ. އެހެންކަމުން ޕީއެސްއެމްއިން ވަރަ އެކްސްޕޯގެ މަޢުލޫމާތުތައް ގެނެސްދިނުމުގައި އަދާކުރާ ދައުރު ފާހަގަކުރައްވާ އެކަމަށްޓަކާ ޕީއެސްއެމަށް ނަޒީރު ޝުކުރު އަދާކުރެއްވިއެވެ.

"މިދިޔަ އަހަރު ޒުވާން 30،000 ކުދިން އެކްސްޕޯއިން އެކި މަޢުލޫމާތު ހޯއްދެވި. 1100 އަށް ވުރެ ގިނަ ޒުވާނުންނަށް ވަޒީފާ ލިބުނު އެކްސްޕޯ ނިމުނުއިރު. މިއީ ޒުވާނުން ވާރުވެރިކުރުވުމަށާ، ސްކިލްސް ޑެވެލޮޕްކުރުމަށް ހިންގާ ކަމެއް." ސްޓޭޓް މިނިސްޓަރ، ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީން ވިދާޅުވީ، ވަރަ އެކްސްޕޯއަކީ ތަފާތު ގޮތަކަށް ކުރިއަށްގެންދާ އެކްސްޕޯއަކަށްވުމުން އެކްސްޕޯ މެދުވެރިކޮށް ގިނަ ދިވެހިންގެ ހުނަރުތައް ފެންނާނެކަމަށެވެ. އެހެންކަމުން އެ މަޢުލޫމާތުތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަކީ މުހިންމުކަމެއްކަން ޑީއެމްޑީ ފާހަގަކުރެއްވިއެވެ.

"މިފަދަ މަޢުލޫމާތުތައް އާއްމުންނާއި ހިސާބަށް ގެނެސްދިނުމަށް ޕީއެސްއެމްއަށް ކުރެވެން ހުރިކަންކަން އަދި އިތުރަށް ފުރިހަމަ ކުރަން ހުރިކަންކަން ބަލާ އެކަންކަން އަޅުގަނޑުމެން މިދަނީ ކުރަމުން." ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމިން ވިދާޅުވިއެވެ.

"ވަރަ އެކްސްޕޯ 2026" ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 26 އިން ފެށިގެން 28 ގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާރކުގައެވެ. މިއީ ދައުލަތުގެ ގިނަ މުއައްސަސާތަކަކާއި އަމިއްލަ ވިޔަފާރިތަކުން ބައިވެރިވެގެން، ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އެކި ދާއިރާތަކުން ބޭނުންވާ ހުނަރުތަކާއި، އުފެއްދުންތެރިކަން ދައްކާލުމަށް ބޭއްވޭ އެންމެ ބޮޑު އެކްސްޕޯއެވެ. މި އެކްސްޕޯގެ ސަބަބުން ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތަކާ ސީދާ ބައްދަލުވެ، މަސައްކަތުގެ މާހައުލާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ވަރަ އެކްސްޕޯއާއި ބެހޭ އެންމެފަހުގެ މަޢުލޫމާތު www.varaexpo.mv އިން ލިބިވަޑައިގަންނަވާނެއެވެ.