ކޯވިޑް-19ގެ ނުރައްކާތެރިކަން މިހާރު މިވަނީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއަކަށް ވެފައެވެ. އދ.ން ވަނީ މިހާރު ކުރިމަތިވެފައިވާ މި ޙާލަތަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާކަމުގައި ބުނެފައެވެ.
ކޯވިޑް-19 އެންމެ ފުރަތަމަ ޗައިނާއިން ފެނުމަށްފަހު މިއަދާއި ހަމައަށްވެސް އާންމުން އެންމެ ގިނައިން ކުރާ ސުވާލަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ކޮން ބަޔަކަށްތޯ ކުރާ ސުވާލެވެ. މިއަދާއި ހަމައަށް ސީދާ ޖަވާބެއް ނުލިބުނުނަމަވެސް، ޗައިނާގައި މި ބަލީގައި މަރުވި މީހުންގެ ނިސްބަތަށް ބަލައި ތަޖުރިބާކާރުން އޭރު ބުނަމުން އައީ މި ބަލީގެ ޝިކާރައަކަށްވަނީ އުމުރުން ދުވަސްވީ މީހުންކަމަށެވެ. އުމުރުން ދުވަސްވީ މީހުންނަކީ ދިފާޢީ ނިޒާމު ބަލިކަށި ބައެއްކަމުން އެ އުމުރުގެ މީހުންނަކީ މިފަދަ ކޮންމެ ބަލިމަޑުކަމެއްގެ ނުރައްކާ އެންމެ ބޮޑު މީހުންނަށްވެފައި ވެއެވެ.
އެހެންނަމަވެސް، މި ބަލީގެ ނުރައްކާ އެހެން އުމުރުތަކުގެ މީހުންނަށް ކުޑަކަމަށް ބުނެވޭނަމަ އެއީ އަދި މުޅިން ތެދު ވާހަކައެއް ނޫނެވެ.
އާންމުންގެ މެދުގައި މި ބައްޔަކީ އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެއްކަމަށް ދެކި ފަރުވާކުޑަކޮށްލުމުން ދެން ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. އެގޮތުން މި މުއްދަތުގައި ދުނިޔޭގައި އެންމެ ގިނައިން މި ބަލި ފެނުނު ޗައިނާ ފަހަތައް ޖައްސާލައި އިޓަލީއާއި، ސްޕޭންއާއި އެމެރިކާއިން މި ބަލީގެ ގިނަ ކޭސްތަކެއް ފެންނަންފެށިއެވެ. އަދި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް މި ޤައުމުތަކުގައި އިތުރުވެ މި ބަލިމަޑުކަމުގެ ނުރައްކާ އިހުނަށްވުރެ އިތުރުވެގެން ދިޔައެވެ.
އަދި މިއާއެކު ފެނިގެންދިޔައީ ކުރިން އާންމުން ގަބޫލުކުރި ގަބޫލުކުރުންތައް މުޅިން ބަނދަލުކޮށްލަން މަޖުބޫރުވި މަންޒަރެވެ. މި ބަލިމަޑުކަމުގައި ކުރިން ދެކެވުނު އުމުރުން ދުވަސްވީ މީހުންގެ ބަދަލުގައި ދެން ފެނިގެންދިޔައީ ގިނަ އަދަދެއްގެ ޒުވާނުން ބަލީގައި މަރުވާން ފެށި މަންޒަރެވެ، މިކަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް ފާހަގަކޮށް އާންމުން ސަމާލުވުމަށް ވަނީ އަންގާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، މި ފަދަ ގޮތަކަށް ކަންތައްތައް ވެގެން ދިއުމުގެ ފަހަތުގައި ޒުވާނުންގެ މެދުގައި ހުންނަ ނުރަނގަޅު އާދަތައް ބޮޑު ދައުރެއް އަދާކުރާކަން ފާހަގަކޮށްފައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުންފަދަ އަމަލުތައް އިންސާނާގެ ހަށިގަނޑު ބަލިކަށި ކޮއްލުމުން ކޯވިޑް-19ގެ ނުރައްކާ ބޮޑުވާކަން ދިރާސާތަކުން ވަނީ ދައްކާފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އާދަތަކަކީ، އިންސާނާގެ ފުއްޕާމޭ އެކަށް ހަލާކުކޮށްލާފަދަ ނޭދެވޭ އާދައެކެވެ. ދުންފަތުގެ ދުމުގައި ހިމެނޭ ނިކޮޓިންއާއި، އެހެން
ނުރައްކާތެރި މާއްދާތަކުން ފުއްޕާމޭގެ ވައިހޮޅިތައް އެއްކޮށް ހަލާކުކޮށްލައެވެ. އަދި ފުއްޕާމޭ ބޮޑު ހުސްކަމެއްގެ ތެރެއަށް ވައްޓާލާ އެ ގުނަވަނުގެ މަސައްކަތް ކުރުން މަޑުމަޑުން އެއްކޮށް ހުއްޓުވާލާ މަންޒަރު ފެނިގެންދެއެވެ.
ދިވެހި ޒުވާނުންގެ މެދުގައިވެސް މި ދެންނެވިފަދައިން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ޝީޝާ ބުއިމާއި، ވޭޕްކުރުން ފަދަ އާދަތަކަކީ ޒުވާނުން އެއްވެ މަޖަލަކަށް ނޫނީ އެމީހުންގެ އުފަލަކަށް ކުރާ ކަމެއް ނަމަވެސް މިފަދަ ކަންކަމަކީ ކުރުން ރަނގަޅު ނޫން ޞިއްޙަތަށް އެކަމުގެ ނުރައްކާ ބޮޑު ކަންތައްތައްކަން ޞިއްޙީ މާހިރުން އަބަދުވެސް އަންނަނީ ވިދާޅުވަމުންނެވެ. އެހެންކަމުން މިކަމަށް އާންމުން ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.