ސިޔާސީ

ރައްޔިތުންނަށް އިންސާފު ހޯދާދިނުމުގައި ފުލުހުން ވަނީ ކުރިއެރުންތަކެއް ހޯދާފައި - ސީޕީ ޙަމީދު


ނިމިދިޔަ އަހަރަކީ ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރާ ޔަގީންކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްކަމަށާއި، އިންސާފު ހޯދާދިނުމަށް ކުރެވުނު މަސައްކަތުގައި ކުރިއެރުންތަކެއް ޙާޞިލުކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ 87 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި ޚާއްސަ ޚިޠާބުގައެވެ.

ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން ދެއްވި ޚިޠާބުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ނިމިދިޔަ އަހަރަކީ ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރާ ޔަގީންކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރަން ޖެހޭ މައިގަނޑު ސަބަބަކީ ފުލުހުންނަށް، ފުލުހުން މަސައްކަތްކުރަންޖެހޭ މާހައުލު ރައްކާތެރިވެ، ނަތީޖާ ހާސިލު ކުރުމަށް ފަސޭހަވާނެތީއާއި، ރައްޔިތުންނަށް، ފުލުހުންނާ ގުޅުން ބަދަހިވެ، ބައިވެރިވުން އިތުރުވެ، ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް ފުލުހުންގެ ޚިދުމަތްތައް ބައްޓަންކުރަން މަގުފަހިވާތީ ކަަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން މުޖުތަމަޢަކީ ރައްކާތެރި ތަނަކަށްވެގެން ދާނެކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ސީޕީ ޙަމީދު ވިދާޅުވީ، ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން އާއްމު ރައްޔިތުން ބޭނުންވާނެ އެންމެ ބޮޑު އެއްކަމަކީ ކުށާއި ކުށުގެ ބިރުވެރިކަން ނެތިގެން ދިއުންކަމަށެވެ. އަދި ކުށުގެ ޙާލަތު ވަޒަންކުރެވޭ މައިގަނޑު އެއް މިންގަނޑަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދާއި، މައްސަލަތަކާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި ކުރެވޭ ތަޙްޤީޤްތައް ކާމިޔާބުވާ މިންވަރުކަން ފާހަގަކޮށް ފާއިތުވި އަހަރުގެ ތެރޭ ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް އިތުރުވި ނަމަވެސް، އޭގެ ތެރެއިން ގިނަ މައްސަލަތަކެއް ނިންމާ ޕްރޮސެކިއުޓްކުރަން ފޮނުވުނުކަން ކޮމިޝަނަރ ފާހަގަކުރައްވާފައިވެއެވެ.

"ތަފާސް ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ 12 މަސްތެރޭގައި، އޭގެކުރީ 12 މަހަށްވުރެ ހުށަހެޅިފައިވާ މައްސަލަތަކުގެ ޖުމްލަ އަދަދު 9.73 އިންސައްތަ ވަނީ އިތުރުވެފައި. ހުށަހެޅުނު މައްސަލަތައް އިތުރުވުމާއެކުވެސް، ޕްރޮސެކިއުޓް ކުރުމަށް ފޮނުވިފައިވާ މައްސަލަތަކުގެ އަދަދު 22.8 އިންސައްތަ އިތުރުކުރެވިފައިވޭ. މިއީ، އިންސާފު ހޯދާދިނުމަށް ކުރެވުނު މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއްކަމަށް އަޅުގަނޑު ދެކެން" ސީޕީ ޙަމީދު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ އިތުރުން ޓެރަރިޒަމާ އަނިޔާވެރި ހަރުކަށި ފިކުރާދެކޮޅަށް ކުރެވުނު މަސައްކަތުގައިވެސް ކުރިއެރުންތަކެއް ލިބިފައިވާ އަހަރެއްކަމަށެވެ. އަދި އަނިޔާލިބޭ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އެހީތެރިކަން ދިނުމަށްޓަކައި ވިކްޓިމް ސަޕޯރޓް މެކޭނިޒަމް އިތުރަށް ތަރައްޤީކޮށްފައިވާކަމަށްވެސް ސީޕީ ޙަމީދު ވިދާޅުވެފައިވެއެވެ.

"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާ، ގެވެށިއަނިޔާގެ އަމަލުތައް ހުއްޓުވާން މިވަގުތަށް ގެންނަންޖެހޭ ބަދަލުތަކާ، މެދުރާސްތާއަށާ، ދުރުރާސްތާއަށް އަމާޒުކޮށްގެން ކުރަންޖެހޭ ކަންކަން ދެނެގަނެ އެކަންކަން މިހާރު މިގެންދަނީ ކުރަމުން. އެގޮތުން ހިންގުމުގެ ނިޒާމަށާ، އަމަލުކުރާ އުސޫލުތަކަށް ބަދަލުގެނެވި މިދާއިރާއަށްދޭ އަހަންމިއްޔަތު މިހާރުވާނީ އިތުރުކުރެވިފަ. ޓެރަރިޒަމާ، އަނިޔާވެރި ހަރުކަށި ފިކުރާދެކޮޅަށް ކުރެވުނު މަސައްކަތުގައިވެސް ވޭތުވެދިޔަ އަހަރު ކުރިއެރުންތަކެއް ލިބިފައިވޭ. މިފަދަ އަނިޔާވެރި އަމަލުތައް ރާވާ ހިންގާ ފަރާތްތައް ދެނެގަނެ، އަމަލުތައް ހުއްޓުވާ، އެފަދަ މައްސަލަތައް ތަޙުޤީޤްކުރުމުގައި ވެސް ކާމިޔާބުތަކެއް ލިބިފައިވޭ. އަދި މިމަސައްކަތްތައް ކުރިއަށް މިއޮތް އަހަރުގައިވެސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރެވޭނެ" ސީޕީ ޙަމީދު ވިދާޅުވިއެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަސް ބައްދަލުމިވީ، ދިވެހިރާއްޖޭގައި ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނު ކުރެވިފައިވާ ވަގުތެއްގައިކަން ފާހަގަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ މި ނާޒުކު ދަނޑިވަޅުގައިވެސް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ދިވެހި ފުލުހުން ދެމިތިބޭނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް ދެއްވާފައެވެ. އަދި މި ދަތި އުނދަގޫ ވަގުތުގައިވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގަވާ އެންގެވުންތަކާ، ސިއްހީ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ހުރިހާ ރައްޔިތުންވެސް އިޙްތިރާމްކޮށް، އެގޮތުގެމަތިން ޢަމަލުކުރެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.