ވިޔަފާރި

ކޯވިޑް-19: އިހަވަންދޫގައި ފިހާރަތައް ހުޅުވާ ވަގުތުތަކަށް ބަދަލު ގެނެސްފި


ދުނިޔޭގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖެއިން ފެނިފައިވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިހަވަންދޫގައި ފިހާރަތަށް ހުޅުވާފައި ހުންނަ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

އިހަވަންދޫ ކައުންސިލްގެ އިދާރާއިން ބުނީ މިއަދުން ފެށިގެން މިބަދަލަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އެރަށުގައި ފިހާރަތަކަށް ހުޅުވާފައި ބެހެއްޓޭނީ،

- ހެނދުނު 8:00 އިން 11:00 އަށް

- ހަވީރު 4:00 އިން 6:00 އަށް

- ރޭގަނޑު 8:00 އިން 10:00 އަށް

މި ގަޑި ތަކުގައި ވިޔަފާރި ކުރަން ދާއިރު، ގުރޫޕް ހަދާފައި ނުދިޔުމާއި، ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުން ފިހާރަތަކަށް ނުދިޔުމަށްވެސް އެރަށު ކައުންސިލުންވަނީ އެދިފައެވެ. އަދި ތަކެތި ގަތުމުގައި ގިނައިން ގަނެ ރައްކާކުރުމުގެ ބަދަލުގައި އާއްމު އުސޫލުން 5 ދުވަހަށް ވާ ވަރަށް ތަކެތި ގަންނަމުން ދިއުމަށްވެސް އިހަވަންދޫ ކައުސިލުންވަނީ ރައްޔިތުންގެ ފަރާތުން އެދިފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގެ ރަށްރަށުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށަށް އަންނަ މީހުން ރަށަށް އެރުމުގެ ކުރިން ހުން ހުރިތޯ ޗެކް ކުރުމާއި، ރަށުގެ ބަދަރު ސަރަޙައްދުގައި އަތްދޮވެވޭނެ އިންތިޒާމްތައް ބައެއް ރަށްރަށުގައި ވަނީ ހަމަޖައްސާފައެވެ.