ޚަބަރު

ހިތަދޫއާއި ތިނަދޫގެ ހައުސިންގް ޔުނިޓްގެ ލޭންޑް ސްކޭޕިންގެ މަސައްކަތް ހަވާލުކޮށްފި


ގދ. ތިނަދޫ އާއި ސ. ހިތަދޫގައި އަލަށް އިމާރަތްކުރި ހައުސިންގް ޔުނިޓް ސަރަހައްދުގެ ލޭންޑް ސްކޭޕިންގް މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

ހިތަދޫއާއި ތިނަދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހިމެނޭ ސަރަޙައްދުގެ ލޭންޑް ސޭކެޕިންގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓާއި ހަވާލުކޮށްފައިވާއިރު، އެ ފްލެޓްތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، ފްލެޓްތައް ހައްޤުވާ ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓްގައި ބޭއްވި ރަސްމިއްޔާތެގައި ގދ. ތިނަދޫ އާއި ސ. ހިތަދޫގައި އަލަށް އިމާރަތްކުރި ހައުސިންގް ޔުނިޓް ސަރަހައްދުގެ ލޭންޑް ސްކޭޕިންގެ މަސައްކަތުގެ އެއްބަސްވުމުގައި ހައުސިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރުގެ ނާއިބު މުހައްމަދު ޚާލިސްއެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއަރ މެނޭޖަރ ހަސަން ޔާސިރެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން، މުހައްމަދު ޚާލިސް ވިދާޅުވީ، މި މަސައްކަތް ލަސްވެގެން ދިއުމަކީ އާންމުންގެ ކަންބޮޑުވުން ހުރިކަމެއް ކަމުގައިވުމުން މި މަސައްކަތް އަވަސްކުރުމަށް މިނިސްޓްރީން އިސްކަމެއް ދެއްވާކަމަށެވެ. މި މަސައްކަތް މިދިޔަ އަހަރު ނުނިންމުނީ ބަޖެޓްގައި މިކަން ހިމަނާފައި ނެތުމުންކަން ފާހަގަކުރައްވާ ޚާލިސް ވިދާޅުވީ ލޭންޑް ސްކޭޕިންގެ މަސައްކަތްކުރާނީ ޖަޒީރާ ވަންތަ ގޮތަކަށްކަމަށެވެ. އެގޮތުން ޕާކްތަކާއި، އާންމުން ހިތްހަމަޖައްސާލެވޭ މައިޒާންތަކާއި، ފެންހިންދުމުގެ ހަރުދަނާ ނިޒާމެއް މި ޕްލޭންގައި ހިމަނާފައިވާކަން ޚާލިސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ހިތްގައިމު ދިރިއުޅުމެއް ރައްޔިތުންނަށް ފޯރުކޮށްދިނުން. މިކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން، އެގޮތުން މި މަޝްރޫޢުގައިވެސް ލޭންޑް ސްކޭޕިންގެ މަސައްކަތްކުރާނީ ޖަޒީރާ ވަންތަ ގޮތަކަށް. އެގޮތުން ޕާކްތަކާއި، އާންމުން ހިތްހަމަޖައްސާލެވޭ މައިޒާންތައް އަދި ފެންހިންދުމުގެ ހަރުދަނާ ނިޒާމެއް މި ޕްލޭންގައި ހިމަނާފައިވާނެ." ޑެޕިއުޓީ މިނިސްޓަރ ޚާލިސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނަޒީލްއާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. މި ދެ މެމްބަރުންވަނީ ރޯޑް ޑިވެލޮޕްމެންޓާއި ހަވާލުކުރި މަޝްރޫޢަކީ ދެ ރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެނުގައި ހަޤީޤީ ކުލަ ޖައްސާދޭނެ މަޝްރޫޢުކަން ފާހަގަކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން ގދ. ތިނަދޫގެ ހައުސިންގް ޔުނިޓް ސަރަހައްދުގެ ލޭންޑް ސްކޭޕިންގ 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާއިރު، މިމަސައްކަތް ހަވާލުކޮށްފައިވަނީ ހަތަރު މިލިއަން ހަތް ލައްކަ ހަތަރުހާސް އައްޑިަހ ހަ ރުފިޔާ އަށްޑިހަ ދެ ލާރިއަށެވެ. އަދި ސ. ހިތަދޫގެ ހައުސިންގް ޔުނިޓް ސަރަހައްދުގެ ލޭންޑް ސްކޭޕިންގ 180 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައިވަނީ ފަސް މިލިއަން ތިން ލައްކަ އަށާވީސް ހާސް ހަތްސަތޭކަ ހަތްދިހަ ފަސް ރުފިޔާ ތިން ލާރިއަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވަނީ 264 ހައުސިންގ ޔުނިޓެވެ. އަދި ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ 120 ހައުސިންގ ޔުނިޓެވެ.