ޚަބަރު

109 ޤައުމަކާއި ސަރަޙައްދަކަށް ކޯވިޑް-19 ފެތުރިއްޖެ


ޗައިނާ ފިޔަވާ ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 30،000އަށްވުރެ އިތުރުވެ، 109 ޤައުމަކާއި ސަރަޙައްދަކަށް ވައިރަސް ފެތުރިއްޖެއެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ ފިޔަވާ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ކޯވިޑް-19ގެ އަސަރު ކޮށްފައިވާ މީހުންގެ ޢަދަދުވަނީ 4،000އަށް އިތުރުވެފައެވެ. އަދި ވައިރަހުގެ އަސަރުކޮށްފައިވާ ޖުމްލަ މީހުންގެ ޢަދަދުވަނީ 110،000އަށް އިތުރުވެފައެވެ.

ޗައިނާ ނުހިމެނޭގޮތަށް ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި 78 މީހުންވަނީ ވައިރަހުގެ ސަބަބުން ވޭތުވެދިޔަ ސައްވީސް ގަޑިއިރުގެ ތެރޭގައި މަރުވެފައެވެ. ޗައިނާ ހިމެނޭހެން ޖުމްލަ 413 މީހުންވަނީ މަރުވެފައެވެ.

މުޅިން އަލަށް ވައިރަސް ފެނުނު ޤައުމުތަކުގެ ތެރޭގައި ކޮލަމްބިއާއި ވެޓިކަން ސިޓީއާއި ޕެރޫއާއި ސްލޮވޭކިއާ ހިމެނެއެވެ. އަދި 45 ޤައުމެއްގައި ގައިންގަޔަށް ބަލިފެތުރެން ފަށާފައިވާކަމަށް ދުނިޔޭގެ ސިއްޙަޠު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިން ބުނެއެވެ. އެޤައުމުތަކުގެ ތެރޭގައި އައިސްލެންޑާއި ފަލަސްޠީނާއި ކެމެރޫން ހިމެނެއެވެ.

ޗައިނާގެ އިތުރުން ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ދެކުނު ކޮރެޔާއާއި ޖަޕާނާއި އީރާނާއި އިޓަލީވިލާތަށެވެ. ދެކުނު ކޮރެޔާއިން ވައިރަހުގެ އަސަރުކޮށްފައިވާ 7،300އަށްވުރެ ގިނަ މީހުންވަނީ ފެނިފައެވެ. ވައިރަހުގެ ސަބަބުން މިހާރު އެޤައުމުގައިވަނީ ރަތް ސަމާލު އިޢުލާނުކޮށްފައެވެ. ވައިރަހުގެ ސަބަބުން ދެކުނު ކޮރެޔާގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށް 9.8 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް އެޤައުމުންވަނީ ނިންމާފައެވެ. އެއީ ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި އެޤައުމުގެ ބަޖެޓު އެހާބޮޑު ޢަދަދަކުން އިތުރުކުރި ފުރަތަމަ ފަހަރެވެ.

ޖަޕާނުގައި ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދުވަނީ 500އަށްވުރެ އިތުރުވެފައެވެ. އެޤައުމުގައި މިހާރުވަނީ ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަދި އެޤައުމުގެ މަދަރުސާތައް ބަންދުކޮށް ގިނަ ކުންފުނިތަކުން ދަނީ ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ.

އޭގެ އިތުރުން އީރާނުގައި ކޯވިޑް-19ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެޤައުމުގެ ހަހާސް ފައްސަތޭކައަށްވުރެ ގިނަ މީހުނަށް ވައިރަސް ޖެހި، 194 މީހުންވަނީ މަރުވެފައެވެ. ޗައިނާއިންދަނީ އީރާނަށް ކަމާބެހޭ މާހިރުން ފޮނުވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފަތުރުވެރިން އާންމުކޮށް ޒިޔާރަތްކުރާ އިޓަލީވިލާތުގައިވެސް ވައިރަސްދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެޤައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 7،300އަށްވުރެ އިތުރުވެފަ. އަދި މަރުވި މީހުންގެ ޢަދަދު 400އާ ގާތްކުރެއެވެ. ވައިރަސް ފެތުރުން ހުއްޓުވުމަށް އެޤައުމުންދަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެޤައުމުގެ އުތުރުގެ ސަރަޙައްދުތަކުގެ ބޮޑު ބަޔަކަށްވަނީ ވަދެނުކުތުން މަނާކޮށްފައެވެ. އެޤައުމުންވަނީ 1 ބިލިއަން އެމެރިކާ ޑޮލަރު ވައިރަހުގެ އަސަރުކޮށްފައިވާ ވިޔަފާރިތަކާއި ގޭގެއަށް އެހީތެރިވުމަށް ކަނޑައަޅާފައެވެ.