ވިޔަފާރި

ރޯދަމަހަށް ޚާއްސަކޮށްގެން މިފްކޯއިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި


ރޯދަމަހަށް ހާއްސަކޮށްގެން މިފްކޯއިން ވިއްކާ މަސްދަޅު ކޭހުގެ އަގު ހެޔޮކޮށް، ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިފްކޯއިން ފެށި ޕްރޮމޯޝަންގެ ދަށުން މިފްކޯއިން ވިއްކާ ފެން މަސް ދަޅާއި އަދި ތެޔޮ މަސް ދަޅު ކޭހުގެ އަގު މުޅި ރާއްޖެއަށް ހެޔޮކޮށްފައިވާއިރު، މާލޭގައި ހުންނަ މިފްކޯގެ ތިން ފިހާރައަކުން މުދާ ގަންނަ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށްގެންދާނެއެވެ.

އެގޮތުން މިފްކޯއިން އާއްމުންނަށް 680 ރުފިޔާއަށް ރީޓެއިލްކޮށް ވިއްކި ތެޔޮ މަސްދަޅު ކޭހުގެ އަގު ވަނީ 640 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އާންމު ފިހާރަތަކަށް ކުރިން ހޯލްސޭލްކޮށް 650 ރުފިޔާއަށް ވިއްކި ތެޔޮ މަސް ދަޅު ކޭހެއްގެ އަގު ވަނީ 625 ރުފިޔާއަށް ކުޑަކޮށްފައެވެ. މީގެއިތުރުން މިފްކޯއިން އާއްމުންނަށް 645 ރުފިޔާއަށް ރީޓެއިލްކޮށް ވިއްކި ފެން މަސްދަޅު ކޭހުގެ އަގު ވަނީ 595 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އާންމު ފިހާރަތަކަށް ކުރިން ހޯލްސޭލްކޮށް 616 ރުފިޔާއަށް ވިއްކި ފެން މަސް ދަޅު ކޭހެއްގެ އަގު ވަނީ 580 ރުފިޔާއަށް ކުޑަކޮށްފައެވެ.

މަސްދަޅު ކޭހުގެ އަގު ހެޔޮކޮށްފައިވާއިރު، ގިނަ އިނާމުތަކަކާއެކު ހެޔޮ އަގުގައި ބައެއް ތަކެތި ލިބޭ މި ޕްރޮމޯޝަނެއްވެސް މިފްކޯއިން ވަނީ މާލޭގައި ފަށާފައެވެ. އަދި ރަށްރަށުގެ ފިހާރަތަކަށް މިފްކޯގެ ތަކެތި ނާލު ނެގުމެއްނެތި ފޯރުކޮށްދިނުމުގެ ޕްރޮމޯޝަނެއް ކުރިއަށްގެންދާކަމަށް މިފްކޯއިން ބުނެއެވެ.

ރޯދަމަހަށް ހާއްސަކޮށް ކުރިޔަށްގެންދާ ޕްރޮމޯޝަނާއި އެހެނިހެން ހަރަކާތްތަކާބެހޭ ގޮތުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ރޯދަމަހު ރޯމަސް ޑިމާންޑާއި އެއްވަރަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ. އަދި މިހާރު މިފެށި ޕްރޮމޯޝަންތަކުގެ ތެރެއިން އާއްމުންނާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދާނެކަމަށް ފައުޒީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިހާރު ލިބެމުންދާ އަގަށްވުރެ ރަގަނޅު ހެޔޮ އަގެއްގައި ހއ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމަޔަށް މަސް ދަޅު ލިބެން ހުންނާނެ. ހާޢްސަކޮށް މިދިޔަ އަހަރާއި ހިލާފަށް ހުސްނުވެ އަޅުގަނޑުމެންގެ ފިހާރަތަކުން ހުންނާނެ ދަޅު މަހާ އެހެން ބާވަތްތައް ލިބެން." ފައުޒީ ވިދާޅުވިއެވެ.

މިމަހުގެ އެކަކުން މޭ މަހުގެ ނިޔަލަށް މިފްކޯގެ މާލެ ފިހާރަތަކުގައި ކުރިއަށްދާ ޕްރޮމޯޝަނުގައި ކޮންމެ ސަތޭކަ ރުފިޔާއެއްގެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ހަފްތާއަކު ބުރާސްފަތި ދުވަހު މިފްކޯގެ ފިހާރަތަކުގައި ބާއްވާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ދޭނެއެވެ. އަދި މުޅި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ފަރާތަކަށް ސައިކަލެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް މިފްކޯއިން ބުނެއެވެ. ޚާއްސަ ޕްރޮމޯޝަންގެ އިތުރުން މިފްކޯއިން ރޯދަމަހަށް ހާއްސަކޮށް އައު ރަހަތަކެއްވެސް ބާޒާރަށް ނެރޭނެކަމަށާއި، މިތަކެތި ރޯދައިގެ ކުރިން ތަޢާރަފްކުރާނެކަމަށް މިފްކޯއިން ބުނެއެވެ.