ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސިފައިންގެ އެކަކު ހައްޔަރުކޮށްފައިވާއިރު ދެވަނަ މީހާގެ މަޢުލޫމާތު ސާފުނުވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.
ޤައުމީ ދިފާއީ ބާރުން ވިދާޅުވީ، ސިފައިންގެ ދެމީހަކު 15 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރަކު ވިދާޅުވުމާއި ގުޅިގެން އެ މެމްބަރު އެވިދާޅުވަނީ ކޮން ބައެއްގެ ވާހަކަތޯ ހޯދަން އެ ޢިއްޒަތްތެރި މެމްބަރުގެ އަރިހުން އެދިފައިވާނެކަމަށެވެ. އަދި އެ 2 މީހުންނަކީ ކޮން ބައެއްކަން އެނގޭނީ ފުލުހުންނަށް ކަމަށް މެމްބަރު ވިދާޅުވުމުން އެފަދަ ތުހުމަތެއް ކުރެވޭ ސިފައިންގެ 2 މީހަކު ވާނަމަ، އެބަޔަކާގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުންގެ އިދާރާގައި މިމަހުގެ 18ވަނަ ދުވަހު އެދިފައިވާކަމަށް އެން.އެމް.ޑީ.އެފުން ވިދާޅުވިއެވެ.
އަދި މިމަހުގެ 22ވަނަ ދުވަހު ސިފައިންގެ މީހަކު ފުލުހުން ހައްޔަރުކުރިކަމުގެ މަޢުލޫމާތު ފުލުހުންގެ ފަރާތުން ލިބުނުކަމަށާ، އެ އެމްއެންޑީއެފުގެ ކަމާބެހޭ ޤަވާއިދުގައިވާ ގޮތުގެމަތިން އެމް.އެން.ޑީ.އެފްގެ ކަމާބެހޭ ކޮމިޓީ ބައްދަލުކޮށް، ފުލުހުން ބަންދުކުރި ސިފައިންގެ މީހާ، އޭނާ ބަންދުކުރި ވަގުތުން ފެށިގެން ސަސްޕެންޑްކޮށްފައިވާކަމަށް އެމް.އެމް.ޑީ.އެފުން ވިދާޅުވިއެވެ.
15 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަމަށް ސިފައިންގެ 2 މީހެއްގެ މައްޗަށް ތުޙުމަތުކުރެވޭއިރު، މިއަދާ ހަމައަށް އައިއިރުވެސް މި މައްސަލައިގައި ހިމެނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު ވިދާޅުވާ ސިފައިންގެ 2 ވަނަ މީހަކު މި މައްސަލާގައި ހިމެނޭކަން ނުވަތަ ނޫންކަން އަދި މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ކޮން ތާރީޚެއްގައިކަންވެސް ފުލުހުން ހާމައެއް ނުކުރައްވައެވެ. އަދި އެމަޢުލޫމާތު އެމް.ޑީ.އެފާވެސް ޙިއްސާކުރައްވާފައި ނުވާކަމަށް އެފަރާތުންވަނީ ވިދާޅުވެފައެވެ.
ޤައުމީ ދިފާއީ ބާރުން ވިދާޅުވީ، ސިފައިންގެ މީހަކާމެދު މިބާވަތުގެ މައްސަލައެއް ހުށަހެޅި ބަލަމުންދާކަމުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރަށް ލިބިވަޑައިގަތުމުން އެ މަޢުލޫމާތު އެ މުއައްސަސާއާއި ޙިއްސާކުރެއްވިނަމަ އަދި ފުލުހުންގެ އިދާރާއިންވެސް ސިފައިންގެ މީހަކާއިމެދު މިފަދަ މައްސަލައެއް ބައްލަވާކަމުގެ މަޢުލޫމާތު ޙިއްޞާކުރެއްވިނަމަ، އެ މުއައްސަސާގެ ޤަވާޢިދުތަކުގައިވާގޮތުގެ މަތީން ވަގުތުން ބަލާ ވަގުތުން ފިޔަވަޅު އެޅުނީސްކަމަށެވެ. އަދި އެ މަޢުލޫމާތު ސިފައިންނާއި ކުރިން ޙިއްސާކުރައްވާފައިނުވާތީ، ނުހަނު ހިތާމަކުރާކަމަށްވެސް އެމް.އެން.ޑީ.އެފުން ވިދާޅުވެފައިވެއެވެ.