ޚަބަރު

އެޗްއާރްސީއެމުން، ކުޑަކުދިންގެ ހިޔާގެ ޙާލަތު ބަލައިފި


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ޙާލަތު އިންސްޕެކްޓްކޮށްފިއެވެ.

މި އިންސްޕެކްޝަންއަކީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އިން ކުރި ފޮލޯ-އަޕް ޒިޔާރަތެއްކަމަށް އެޗްއާރްސީއެމްއިން މަޢުލޫތުދެއެވެ.

މި ޒިޔާރަތުގެ މަޤްސަދަކީ ކުޑަކުދިންގެ ހިޔާގެ މިހާރުގެ ޙާލަތު ދެނެގަތުމާއި، ހިޔާގައި ބަލަހައްޓަމުންގެންދާ ކުދިންނާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ބެލުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހަދާފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާ އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާޙާދާތަކާ ޤަރާރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާ ހައްޤުތައް މި މަރުކަޒުގައި ބަލަހައްޓަމުންދާ ކުދިންނަށް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުންކަމަށް އެޗްއާރްސީއެމް އިން މަޢުލޫމާތުދެއެވެ.

އަދި ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، 2008- 2017 އާއި ހަމައަށް ކުޑަކުދިންގެ ހިޔާއަށް ކޮމިޝަނުން ކޮށްފައިވާ ޒިޔާރަތްތަކުގައި އިޞްލާޙުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުންވެސް މި އެންސްޕެލްޝަންގައި ކުރިއަށް ގެންދިޔަކަން އެޗްއާރްސީއެމްއިން މަޢުލޫމާތުދެއެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ މަތިން، މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާސް ކުޑަކުދިންގެ ހިޔާއާ ޙިއްޞާކޮށް، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެކަމަށް އެޗްއާރްސީއެމް އިން މަޢުލޫމާތުދެއެވެ.

މީގެއިތުރުން، ކޮމިޝަނުގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާޙުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ބައްދަލުކޮށް، މި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ޤަވައިދުން ލިޔުމުން ފޮލޯ-އަޕް ހެދުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ނިންމާފައެވެ.