ވިޔަފާރި

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަށް ބޭނުންވާ އާލާތްތައް އަނެއްކާވެސް ދޫކުރަނީ


ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް ދޫކުރުމަށް ސަރުކާރުން އަނެއްކާވެސް ނިންމައިފިއެވެ.

މިއީ ރާއްޖޭގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަން އާލާކުރުމުގެ ގޮތުން ދިގު މުއްދަތުގައި އަގު އަދާކުރާގޮތަށް، މި ބާވަތުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރިސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މި ޕްރޮގްރާމު ކުރިއަށްގެންދާ 6 ވަނަ ފަހަރެވެ.

މިނިސްޓްރީން ވިދާޅުވީ މިކަމަށް ބޭނުންވާ އާލާތްތައް ބެލުމަށް ބޭނުންވާ މީހުނަށް ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ ފެޑް ސެންޓަރުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 މި އާލާތްތައް ފެންނަން ހުންނާނެކަމަށެވެ. ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތްތައް ބޭނުންވާ މީހުނަށް ޑިސެމްބަރ މަހުގެ 5 ގެ ނިޔަލަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މިފިޔަވަހީގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް 2 ސެޓެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތްތައް ދިގުމުއްދަތަށް އަގުއަދާކުރާގޮތަށް ދޫކުރުމުގެ އުޞޫލާއި ކަމާއި ގުޅޭ މައުލޫމާތުތައް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ރިސެޕްޝަން މެދުވެރިކޮށް ލިބުމުގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މަންފާކުރާނެ ވިޔަފާރިއެއްކަމަށާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ތުތި ބޯވަދިލަމަހަށް ރަނގަޅު އަގެއް ލިބޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ މަޤްބޫލްކަން ދިވެހިންގެ މެދުގައި ބޮޑުކަމަށް ފިޝަރީޒް މިނިސްޓްރީން މީގެކުރިން ވަނީ ވިދާލުވެފައެވެ. ފަސްމީރު ބްރޭންޑެއްގެ ގޮތުގައި މިފްކޯއިން ތުތި ބޯވަދިލަމަހުގެ އުފެއްދުންތައްވެސް މިހާރު ވަނީ ބާޒާރަށް ނެރެފައެވެ. އަދި މި އުފެއްދުންތަކަށް އޮންނަ ޑިމާންޑްވެސް ރަނގަޅުކަމަށް އެ ކުންފުނިން ބުނެއެވެ.