އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ފެން ޕްލާންޓް
ޤާއިމުކުރުމުގެ މަޝްރޫޢު އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤު އިބްރާހިމް، ރަސްމީކޮށް
އިފްތިތާޙް ކޮށްދެއްވައިފިއެވެ.
ތޮއްޑޫ ފެން ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ
މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ އާއެވެ.
އއ. ތޮއްޑޫ ފެން ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވާ
ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤު އިބްރާހިމް ވިދާޅުވީ،
ހޫނު މޫސުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނަށްޖެހޭކަމުގެ ޝަކުވާ
މިނިސްޓްރީއަށް ދޭތެރެ ދޭތެރެއިން ލިބެމުންދާކަމަށާއި، އެ މައްސަލައަށް ދާއިމީ
ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން، މި
މަސައްކަތްކުރުމުގައި ފެނުގެ ފަށަލައަށް ގެއްލުންވެ، ފެން ތައްޣަޔަރުވެފައިވާ
ރަށްރަށަށް ޙާއްސަ އިސްކަމެއް ދެއްވައިގެން، ފެން ޕްލާންޓްތައް ޤާއިމުކޮށް، ރީތި
ފެން އެރަށްތަކަށް ފޯރުވައިދިނުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ
ތާރިޤު ވިދާޅުވިއެވެ.
ތޮއްޑޫގައި ޤާއިމުކުރާ ފެން ޕްލާންޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން
އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ،
މި ފެން ޕްލާންޓްވެގެންދާނީ ތިމާވެއްޓާއި ރައްޓެހިކޮށް އެންމެ ޒަމާނީ
ވަސީލަތްތަކާއެކު ޤާއިމުކުރެވިގެންދާ ފެން ޕްލާންޓަކަށްކަމަށެވެ. އަދި އެ
ކުންފުނީގެ އަމާޒަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފެން ޕްލާންޓްގެ
މަސައްކަތް ނިންމާ، ފެނުގެ ޚިދުމަތް ތޮއްޑޫއަށް ފޯރުވައިދިނުންކަމަށް ފަޒުލް
ވިދާޅުވިއެވެ.
ތޮއްޑޫއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިންކަން ކުރަމުން އަންނަ ރަށަކަށްވެފައި،
ރަށުގެ ފެނުގެ ފަށަލަށް ދިމާވެފައިވާ މައްސަލަތަކުގެ ނޭދެވޭ އަސަރު ދަނޑުވެރިކަމަށް
ވަރަށް ބޮޑަށް ކުރަމުންދާކަން އެ ރަށު ކައުންސިލުން ފާހަގަކުރެއެވެ. އެހެންކަމުން މި ޕްލާންޓްގެ ސަބަބުން،
ދަނޑުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ތޮއްޑޫ ކައުންސިލް
އިދާރާގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވިއެވެ.