ވިޔަފާރި

ވަޒީފާ ހޯދަން ފަސޭހަވާނެހެން، އަންނަ މަހު ޖޮބް ޕޯޓަލެއް ލޯންޗްކުރާނަން - ފައްޔާޟު


ދިވެހިންނަށް ވަޒީފާ ހޯދުމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އަންނަމަހުގެ ތެރޭގައި ޖޮބް ޕޯޓަލް ލޯންޗްކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ޖޮބް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ފައްޔާޟު ވިދާޅުވީ، ވަޒީފާ ހޯދުމުގައި މިހާރު ދިމާވެގެންއުޅޭ ގިނަ މައްސަލަތަކަށް މި ޖޮބް ޕޯޓަލްގެ ސަބަބުން ހައްލު ލިބިގެންދާނެކަމަށެވެ. އެގޮތުން އިންޓަނެޓް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް މި އެޕްލިކޭޝަނައް ވަދެވޭނެއެވެ.

މި އެޕްލިކޭޝަން ލޯންޗްކުރުމުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ އެންމެންނަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮންނާނެކަމަށާއި، ދިވެހިންގެ ތެރޭގައި ވަޒީފާ ބެނުންވާ ބައެއް ތިބިކަން ޔަޤީންކުރާނީ އެ ޕޯޓަލްގައި ރަޖިސްޓްރީ ވުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބޭރުގެ ފަރާތެއް ވަޒީފާއަށް ގެންނަން ބޭނުންނަމަ ވަޒީފާދޭ ފަރާތުން އެ ޕޯޓަލްގައި ރަޖިސްޓްރީވެ އެ ވަޒީފާ ބޭނުންވާ ދިވެއްސަކު ނެތްކަން ޔަޤީންކުރުމުން މެނުވީ ބޭރުގެ ފަރާތެއް ގެނައުމަށް ހުއްދަ ނުދޭނެކަމަށް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

"ޖޮބް ޕޯޓަލް ޤާއިމްކުރުމަށްފަހު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ ފަރާތްތަކުން އޭގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ. އަދި އަޅުގަނޑުމެން ސަރުކާރުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ބައެއް ތިބިކަމަށް ބަލާނީ އެ ޕޯޓަލްގައި ރަޖިސްޓްރީވީމަ. ހަމައެގޮތުން ބޭރުގެ މަސައްކަތްތެރިން ގެނައުމަށް ފުރަތަމަ ވަޒީފާދޭ ފަރާތްތަކުން ޖެހޭނީ އެ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވާން. އެ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވުމަށް ފަހުގައި އެ ވަޒީފާއަށް އެކަށޭނެ ދިވެއްސަކު ނެތިއްޔާ ބޭރުގެ ފަރާތަކަށް އަޅުގަނޑުމެން ކޯޓާ ދޭނީ." މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

ވަޒީފާގެ މާހައުލުގައި ދިވެހިންނަށް ގޮންޖެހުންތަކެއް ހުރިކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ސިޔާސަތުތައް ރޭވިފައިވާ ގޮތުންނާއި ދިވެހިންގެ ތެރޭގައި ހުނަރު ނެތުމަކީވެސް މިކަމުގައި ދިމާވާ ގޮންޖެހުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިކަން ހައްލުކުރުމަށް ސިޔާސަތުތައް މުރާޖާކޮށް، ސްކިލް ޑިވެލޮޕްމަންޓް ސެންޓަރުތައް މެދުވެރިކޮށް ދިވެހިންނަކީ ހުނަރުހުރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ މެދުފަންތީގެ ވަޒީފާތަކާއި މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ގެނައުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.