މިއަދާއި ހަމައަށް އެސްއެމްއީ ބެންކު މެދުވެރިކޮށް 120 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ސާކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ފަށާ ސްޓާޓްއަޕް ބޫޓް ކޭންޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ފައްޔާޟު ވިދާޅުވީ، އެސްއެމްއީ ބެންކު މެދުވެރިކޮށް ގިނަ ފަރާތްތަކެއް ލޯނަށް އެދި ހުށައަޅަމުން އަންނަކަމަށެވެ. މިވަގުތު މިހުރިހާ ފަރާތްތަކަށް ލޯނު ދޫކުރުމުގެ ޤާބިލްކަން އެސްއެމްއީ ބެންކުގެ ނެތްކަން ފާހަގަކުރައްވާ މިނިސްޓަރ ފައްޔާޟު ވިދާޅުވީ، މިއަދާއި ހަމައަށް އެސްއެމްއީ ބެންކު މެދުވެރިކޮށް 120 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށެވެ.
އެސްއެމްއީ ބޭންކުން މަޢުލޫމާތުދޭ ގޮތުގައި އެސްއެމްއީ ބެންކަށް މިހާތަނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު އެޕްލިކޭޝަން ލިބިފައިވާކަމަށެވެ.
ސަރުކާރުންވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ދާދިފަހުން ހުށައަޅާފައެވެ. މި ބަޖެޓުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް 350 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
އެސްއެމްއީ ބެންކުގެ ޙިދުމަތްދޭން ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެސްއެމްއީ ބޭންކު ހިންގުމަށްޓަކައި އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން،، އެސްޑީއެފްސީން މައިގަނޑު 4 ދާއިރާއަކުން ލޯނު ދޫކުރެއެވެ.
އެދާއިރާތަކަކީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދޫކުރާ "ރަށު ފަތުރު ލޯން ސްކީމް" އާއި، ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރާ "ވިޔަފާރި އެހީ ލޯން ސްކީމް"އެވެ. އަދި ވިޔަފާރިތަށް ފުޅާކުރުމަށް ބޭނުންވާ މުދާ ގަތުމަށް ދޫކުރާ "ހަރު މުދާ ލޯން ސްކީމް" އާއި ދަނޑުވެރިކަން ކުރިއެރުވުމަށް "ދަނޑުވެރި ނަފާ"ގެ ނަމުގައި ދޫކުރާ ލޯން ސްކީމެވެ.