ސަރުކާރުން ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތަކަކީ، އިންސާނީ ހައްޤުތަށް ހިމާޔަތްކުރުމުގެ ދާއިރާއިން ހޯދި ބޮޑު ކުރިއެރުމެއްކަން އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގައި ދިވެހިރާއްޖެއިން ފާހަގަކޮށްފިއެވެ.
އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި ރާއްޖޭގެ ފަރާތުން ތަޤްރީރުކުރައްވަމުން، ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، ޑރ. ހާލާ ހަމީދުވަނީ، ސަރުކާރު ވެރިކަމަށް އައިސް އަދުލް އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށް ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުކޮށް ރާއްޖޭގެ ޤާނޫނު އަސާސީ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ޑރ. ހާލާ ހަމީދުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އިސްލާޙުކޮށް، ޤާނޫނީ ފަންނުގެ ޤާނޫނު ވުޖޫދަށް ގެނެސް ރާއްޖޭގެ އަދުލް އިންސާފުގެ ނިޒާމަށް ގެނައި ހެޔޮ ބަދަލުގެމައްޗަށް ދިވެހިރާއްޖޭގެ ޤަރާރުގައި އަލިއަޅުވާލާފައިވެއެވެ.
މީގެ އިތުރުން މި ބަޔާނުގައި ރާއްޖެއިން ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި އަސަރުތައް ކުޑަކުރުމަށް ޤައުމުތަކުން ގުޅިގެން ރާއްޖެއިން ވަނީ ގޮވާލައްވާފައެެވެ. އަދި މޫސުމަށް އަންނަ ބަދަލުތައް ކުޑަކޮށް އަވަސް ހައްލުތަކެއް ހޯދުމަށް އދ ގެ ހައި ކޮމިޝަނަރ ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ރާއްޖެއިން އިޖާބަދީ މިކަމުގައި އެއްބާރުލުންދޭނެކަންވެސް ރާއްޖެއިން ވަނީ ހާމަކުރައްވާފައެވެ.
އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންތައް ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި ފަށާފައިވާއިރު، މި ސެޝަން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މިކައުންސިލް ސެޝަންގައިވެސް ދިވެހިރާއްޖެއިން އެކިއެކި އެޖެންޑާ އައިޓަމްގެ ދަށުން ތަޤުރީރުކުރައްވާނެ ކަމަށެވެ. އެގޮތުން ޚާއްސަ އިސްކަމެއް ދީގެން މިޔަންމާގައި ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދޭތެރޭ ހިންގަމުން އަންނަ ލާ އިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލުމުގެ އިތުރުން، ސީރިއާ އާއި ފަލަސްތީނުގައި ހިނގަމުން އަންނަ އިންސާނީ ޙައްޤުތަކާ ޚިލާފް އަމަލުތައް ހުއްޓުވުމަށް ރާއްޖޭގެ ފަރާތުން ވާހަކަދައްކާނެއެވެ.
މީގެ އިތުރުން އެނުއަލް ޑިސްކަޝަން އޮން އިންޓެގްރޭޝަން އޮފް އަ ޖެންޑަރ ޕަރސްޕެކްޓިވް، ކްލަސްޓަރޑް ޑައިލޮގް އޮން އެންފޯސްޑް އެންޑް އިންވޮލަންޓްރީ ޑިސެޕިއަރެންސަސް އެންޑް ޓްރޫތް، ޖަސްޓިސް އެންޑް ރެޕެޓްރިއޭޝަން އެންޑް އިންޑިވިޖުއަލް އިންޓަރެކްޓިވް ޑައިލޮގް އާއި ވޯކިންގް ގްރޫޕް އޮފް އާބިޓަރީ ޑިޓެންޝަންގެ ދަށުންވެސް ވާހަކަދައްކާނެކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
ހިއުމަން ރައިޓްސް ކައުންސިލްއަކީ 47 މެންބަރުން ހިމެނޭ، ދުނިޔޭގެ އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ބާރުއަޅައި އެކަމާ ގުޅޭ އެންމެ އިސް މަޝްވަރާތަކާއި ނިންމުންތައް ނިންމާ މަޖިލީހެވެ.